ޚަބަރު

މަދަނީ ޢަދުލުގެ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތު ބައްދަލުވުމެއް


  • މަދަނީ ޢަދުލުގެ ނިޒާމު އިސްލާޙުކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައި

ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ޚާއްޞަ ވާރކްޝޮޕެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު ޝިއާރަކީ "މަދަނީ އިޖުރާއަތުގެ ޤާނޫނު މުރާޖަޢާ ކުރުމާއި މަދަނީ ޢަދުލުގެ ނިޒާމު އިޞްލާޙުކުރުމުގައި އިސްކަންދޭ ކަންތައްތައް" މި އެވެ. ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ސެޝަނެއް ކުރިއަށްގެންގޮސްފައިވެއެވެ.

ފުރަތަމަ ސެޝަންގައި ކުރިއަށް ދިޔައީ މަދަނީ އިޖުރާއަތުގެ ޤާނޫނު މުރާޖަޢާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މި ސެޝަންގައި މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުނުފަހުން ދިމާވެފައިވާ ގޮންޖެހުންތަކާއި، ޤާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ވޯކްޝޮޕްގެ ދެވަނަ ސެޝަންގައި މަދަނީ ޢަދުލުގެ ނިޒާމު އިސްލާޙުކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ސެޝަންގައި ނިޒާމީ ގޮންޖެހުންތަކާއި، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މައްސަލަތައް އަވަހަށް ނިންމުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުން ނިންމާލާފައިވަނީ މުހިންމު ހުށަހެޅުންތަކާއި، ކަމާބެހޭ އިތުރު ދިރާސާތައް ކުރުމަށް ނިންމައި އަދި ކުރިއަށް ރޭވިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލަމުންނެވެ.

ރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެކި ގޮތްގޮތުން މުހިންމު ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މަތީ ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އެ ކޯޓުތަކުން ދޭ ޚިދުމަތްތައް އިތުރަށް ހަލުއި ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ރާއްޖޭގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަކީވެސް މުޅި ޝަރުޢީ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.