ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓަމުންދާ ހުޅުމާލޭ ފިޔަވަތިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 36އަށް އަރައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު އެޗް.އީ.އޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ފިޔަވަތިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 36އަށް އަރާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފިޔަވަތީގައި މަސައްކަތްކުރާ 18 މުވައްޒަފަކާއި، 18 ކުދިން ހިމެނޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ، ފިޔަވަތިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 72 މީހަކު ފާހަގަކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި 19 މުވައްޒަފަކާއި، 53 ކުއްޖަކު ހިމެނޭކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފިޔަވަތިން ކޯވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަމަހުގެ 30ވަނަ ދުވަހުއެވެ. ފިޔަވަތިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެޗް.ޕީ.އޭގެ އިރުޝާދާއެކު، އެތަނުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.