ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަ ނިމޭނެ ވަކި ތާރީހެއް ދަންނަވަން ދަތި: އޭސީސީ


ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ނިމޭނެ ވަކި ތާރީހެއް ދަންނަވަން ދަތިކަމުގައި އޭސީސީން ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށް ކުރެވުނު ސުވާލުތަކުގެ ތެރެއިން އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ، މިމައްސަލަޔަކީ އެތައް ބަޔަކު ޝާމިލުވާ މައްސަލަޔަކަށްވާއިރު މައްސަލަ ނިމޭނެ ވަކި ތާރީޚެއް ދަންނަވަން ދަތިކަމަށެވެ.

މިމައްސަލައަކީ ދައުލަތުގެ ބައެއް ވުޒާރާތަކާއި، ފުލުހުންވެސް ހިމެނޭހެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށްދާ މައްސަލައަކަށްވާއިރު މިމައްސަލާގައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމަށެވެ. އެގޮތުން 30 މީހެއްގެ މައްސަލަ މިހާރުވެސް ތަހުގީގް ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެންނަށް މިމައްސަލަ ނިމެނޭނެ ތާރީޙެއް ދަންނަވަންދަތި. މިއީ ވަރަށްބޮޑު މައްސަލައެއް. މިމައްސަލަ މިބަލަނީވެސް ވަރަށްބޮޑު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިން. މިހާރުވެސް އަޅުގަނޑުމެން އެބަ ބަލަން 30 މީހެއްގެ މައްސަލަ" މަރިޔަމް ޝިއުނާ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރެއްވެސް މިމައްސަލައިގެ ތެރޭގައި ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.