ކުޅިވަރު

ހަނިގޮތަކަށް ބީޖީއަތުން މަހިބަދޫ ބަލިވެއްޖެ


ބީޖީ އަތުން ބަލިވެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު މަހިބަދޫއަށް ހަނިވެއްޖެއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބީޖީއާއި ދެކޮޅަށް ކުޅުނު މެޗުން މަހިބަދޫ ބަލިވީ އެކެއް ސުމަކުންނެވެ.ބޯ ވާރޭގެ ތެރޭގައި ފެށި މިއަދުގެ މެޗުގެ ހަމައެކަނި ލަނޑު މެޗުގައ ހަތްދިހަ ވަނަ މިނެޓްގައި ބީޖީއަށް ޖަހައިދިނީ ޒުވާން ފޯވާޑް އިބްރާހިމް ހަމްދާނެވެ. މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ވަނީ ލިބިފައެވެ. މި ގޮތުން ފުރަތަމަ ހާފްގައި ހަމްދާން އަދި އިބްރާހިމް ޝިޔާމަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އަދި މެޗުގައި މަހިބަދޫގެ ފޯވާޑް އެންޑަރސަން، ޖުނައިދް އަދި ސަމާމް ގާސިމަށްވެސްވަނީ ހުސް ފުރުސަތުތަކެއް ލިބިފައެވެ. މެޗަށްފަހު ބީޖީގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ މެޗަށް ބީޖީ ނިކުތީ ތިން ޕޮއިންޓް ހޯދަންކަމަށާއި، އެއް ގޯލްގެ ތަފާތުންވިޔަސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭކަމަށެވެ. ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފޭނަމަ ނަތީޖާގެ ތަފާތު ބޮޑުވީސްކަމަށާއި، ކުރިއަށް ހުރި މެޗުތަކުގައި ލިބޭ ފުރުސަތުތައް ނިންމާލަން މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ. ޝާޒްލީ ބުނީ އެއް ދުވަހުގެ ރެސްޓަކަށްފަހު މަހިބަދޫން މެޗުގައި ދެއްކީ ތައުރީފް ހައްގު ކުޅުމެއްކަމަށެވެ. އަދި މެޗުން ބީޖީ މޮޅުވީ ވަރަށް މަސައްކަތްކޮށްގެންކަމަށް އެނޭ ފާހަގަކުރިއެވެ. "މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން، އެންމެ ގޯލަކުން މޮޅުވިޔަސް ތިން ޕޮއިންޓާއެކު މެޗު ނިންމާލެވުނީމަ ހިތްހަމަ ޖެހޭ. ކުރިއަށް ހުރި މެޗުތަކުގައި ލިބޭ ފުރުސަތުތައް ރަނގަޅަށް ނިންމާލެވިއްޖެކަމުގައިވާނަމަ މުބާރާތުން ރަނގަޅު ކާމިޔާބެއް ލިބޭނެ" ޝާޒްލީ ބުންޏެވެ. މަހިބަދޫގެ ކޯޗް ޔޮރްދާން ސޮޓޮއިކޯފް ބުނީ މެޗުގައި މަހިބަދޫގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްވަރުކުރިކަމަށެވެ. މެޗުން ބަލިވީ ކުޅުންތެރިން އެންމެ މިނެޓަކަށް ނުވިސްނާތިބި ވަގުތުކަމަށާއި، މުޅި މެޗުގައިވެސް ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްގުކަމަށެވެ. "ކުޅުންތެރިން ކޮންސެންޓެރޭޝަން ދުއްވާލި ހަމައެކަނި ވަގުތު ގޯލްވަނީ. މެޗުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްވަރުކުރި. އަހަރެން މިހިރީ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހިފައި" ސޮޓޮއިކޯފް ބުންޏެވެ. ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށީގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.