ޚަބަރު

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހަދާ ނިމިއްޖެ : މިނިސްޓަރ ޒަހާ


އަލަށް އެކުލަވާލާ އަމަލުކުރަންފެށި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަން މިނިސްޓްރީއަށް ލާޒިމްކުރާ ހުރިހާ ޤަވާއިދެއް މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށް ފިޝަރިޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މަސްވެރިކަމާއި ބެހޭ ޤާނޫނުގެ ދަށުން މިހާތަނަށް 7 ޤަވާއިދެއް އެކުލަވާލާ ގެޒެޓްކުރެވިފައިވާކަމަށާއި އެންމެ ފަހުން އެކުލަވާލި ޤަވާއިދު މިހާރު ގެޒެޓްކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މިއީ މިހާތަނަށް ގެޒެޓް ނުކުރެވިވާ ހަމައެކަނި ޤަވާޢިދު ކަމަށްވާ ރިސާރޗް ޕާމިޓް ޤަވާއިދު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ގެޒެޓްކޮށްފައިވާ ޤަވާއިދުތައް:

* ޤާނޫނާއި ޚިލާފަށް ރިޕޯޓްކުރުމެއް އަދި ބެލެހެއްޓުމެއްނެތި ކުރެވޭ މަސްވެރިކަން ހުއްޓުވުމާ ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކުގެ ޤަވާއިދު
* ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާއިދު
* މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފް ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމުގެ ޤަވާއިދު
* މަސްވެރިކަމުގެ މަޝްރޫޢުތަކަށް ހުއްދަ ދިނުމުގެ ޤަވާއިދު
* މަސްވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަރކަލްޗަރ ކުރުމަށް ހުއްދަދިނުމުގެ އިޖުރާއަތްތަކާ ބެހޭ ޤަވާއިދު
* މަސްގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމުގެ ޤަވާއިދު
* އެކުއަކަލްޗަރ ކުރުމުގެ ޤަވާއިދު


މަސްވެރިކަމުގެ ޤަވާއިދުތައް ހަދާފައިވާ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވެފައިވާއިރު، އެޤަވާއިދުތައް އެކުލަވާލުން ލަސްވުމުގެ ސަބަބުން ވަރަށް ގިނަ މެންބަރުންގެ ފާޑުކިއުން ވަނީ މިނިސްޓަރަށް އަމާޒުވެފައެވެ. އެކަމުގައި މިނިސްޓަރ ޒިންމާ އަދާ ނުކުރައްވާކަމަށްބުނެ އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށްވެސްވަނީ ހުށައަޅާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ މެނޭޖުމަންޓް ޕްލޭންތައްވެސް އެކުލަވާލާ ނިމި ބަންޑާރަ ނާއިބުގެ ލަފާވެސް މިހާރު ލިބިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައު ޤަވާއިދުތަކާމެދު މަސްވެރިންނާއި ޢާންމުންގެ ޚިޔާލު ހޯދާފައިވާކަަމަށާއި، ޤަވާއިދުތަކަށް ގެނެވުނު ބަދަލުތައް މަސްވެރިންނަށް ސާފުކޮށްދެއްވަމުން ގެންދަވާކަމަށްވެސް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވިއެވެ.