ޚަބަރު

އަންހެނުންނާއި އަންހެން ކުދިންގެ ޙައްގުތައް ޙިމާޔަތްކުރެވޭނީ ފިރިހެންކުދިން ހޭލުންތެރިކޮށްގެން - ފަޒްނާ އަޙުމަދު


އަންހެނުންނާއި އަންހެން ކުދިންގެ ޙައްގުތަކަށް، އުމުރާ ގުޅޭގޮތަށް ފިރިހެންކުދިން ހޭލުންތެރިކުރުމަކީ އަންހެނުންނާމެދު ކުރެވޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އަންހެނުންނާއި އަންހެން ކުދިންގެ ޙައްގުތަކަށް ފިރިހެން ކުދިން ކުޑައިރު ހޭލުންތެރިކުރުމަކީ، އަންހެނުންނާމެދު ކުރެވޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާވަނީ "އިންޓަރނޭޝަނަލް ޑޭ އޮފް ދަ ގަރލް ޗައިލްޑް 2020" ފާހަގަކުރުމުގެ ގޮތުން، އެޑްވޮކޭޓިންގ ދަރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާއި ޔުނިސެފް ގުޅިގެން ލިޔެފައިވާ ޚާއްޞަ ފޮތެއް ނެރެދެއްވާފައެވެ.

ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި، ފޮތް ނެރެދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ، އެ ކުދިންގެ މާދަމާގެ މުސްތަޤުބަލު ރައްކާތެރިކުރުމަށް އެޅޭ ފިޔަވަޅެއްކަމަށެވެ. އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރި އަދި ބާރުވެރި އަންހެން ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ އަނިޔާއާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެކުދިން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުމަށް ބައެއް ޢާއިލާތަކުން ޖެހިލުންވާކަމަށެވެ. އަދި އެކަމުގެ އެއް ސަބަބުކަމުގައި ބެލެވެނީ، ޙައްޤުތަކާ ގުޅިގެން ކުދިން ބާރުވެރިކުރުވުމަކީ އެކުދިންގެ އަޚްލާޤަށް ނޭދޭވޭ އަސަރު ކުރުވާނެ ކަމެއްކަމުގައި ދެކޭތީކަމަށާ، މިކަމަށް އޮތް ޙައްލަކީ ލިބިފައިވާ ކޮންމެ ޙައްޤަކާއެކު ޒިންމާއެއްވާކަން ކުޑަކުދިންނަށް ޢަމަލާއި ބަހުން ބުނެދިނުންކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

ފަޒްނާ އަޙުމަދުވަނީ އަރކުންނާއި ޔުނިސެފް ގުޅިގެން ކުޑަކުދިންނާއި އާއިލާތައް ބާރުވެރިކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.