މަސްތުވާތަކެއްޗާ ގުޅޭ ބޮޑެތި މުޢާމަލާތްތައް ހިންގުމަށްޓައި އެތަކެތި ރާއްޖެ ގެނެސް އޭގެއަގު ހަމަކޮށް މުޢާމަލާތްތައް ނިމެންދެން އެތަކެތި ވިއްކާ ފަރާތުގެ ބެލުމުގެދަށުގައި ދިވެހިން ހައްޔަރުކޮށްފައި ބައިތިއްބާކަން ފާހަކަކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ހިނގާ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކާއި ފުލުހުން ހިންގާ އޮޕަރޭޝަންތަކަށް އިޝާރާތްކުރައްވައި ކޮމިޝަނަރަ އޮފް ޕޮލިސް މުޙައްމަދު ޙަމިދު ވިދާޅުވީ، ފަހަކަށް އައިސް ހިނގާފައިވާ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އޭގެ އަގު ދިވެހިން ކޮންމެވެސް ސިފައެއްގައި އަދާކުރަންޖެހޭކަމަށެވެ.
އެގޮތުން އެތަކެތި ރާއްޖެގެނެސް ވިއްކައި އޭގެ މުޢާމަލާތްތައް ނިމި އޭގެ ހަމަ އަގު ލިބެންދެން އެޤައުމެއްގައި ނުވަތަ މަސްތުވާތަކެތި ވިއްކި މީހުންގެ ބެލުމުގެ ދަށުގައި ބައެއް ދިވެހިން ހައްޔަރުކޮށްފައި ބައިތިއްބާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން ޖިސްމާނި ބޮޑެތި އަނިޔާއާއި އެމީހަކު ކުރިމަތިލާންޖެހޭކަމަށާ، ބައެއް ފަހަރު ފުރާނައިންވެސް އޭގެ އަގުއ ަދާކުރަންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ޙާދިސާތަކުގެ ފޮޓޯއާއި ވީޑިއޯވެސް ފުލުހުންގެ އަތުގައި އެބަހުރިކަމަށާ، އެންމެ ފަހުން ހިނގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައިވެސް އެފަދަ ކަމެއް ހިނގާފައިވާކަމުގެ އިޝާރާތެއް ކޮމިޝަނަރ ވަނީ ދެއްވާފައެވެ.
"ކޮންމެ ޑީލެއްގައިވެސް ދިވެހި ފަރުދަކު ހުރޭ ކޮސްޓެއްގެ ގޮތުގައި. މިގަންނަ ފަރާތުން އެބަޖެހޭ މުޅި ޓްރާންސްސެކްޝަން ނިމެންދެން މިވިއްކި ފަރާތުގެ ބެލުމުގެ ދަށުގައި ބަހައްޓާން. ފާއިތުވި ބޮޑެތި އޮޕަރޭޝަންތަކުގައި އެކަން ހިނގާފައިވާކަން އެނގެން އެބަހުރި. ފޮޓޯ އަދި ވީޑިއޯ އެބަހުރި އެމީހުންނާމެދު ކަންތައް ކުރެވޭގޮތް. ސޯސް ކަންޓްރީ ނުވަތަ މަސްތުވާތަކެތި ވިއްކާ ފަރާތުން ކަނޑައަލާތަނެއްގަ އެމީހަކު ހައްޔަރުގަ ހުންނަޖްހެޭ އޭގެ އަގު އަދާކުރަންދެން." ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އެންމެ ފަހުން އެކުލަވާލި ފުލުހުންގެ އެކްޝަން ޕްލޭންގައިވެސް އެންމެ އިސްކަންދޭ އެއް ދާއިރާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުންކަމަށާ، މަސްތުވާތަކެތީގެ މައްސލަަތަކުގެ ސަބަބުން އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުންވެސް ލިބޭ ގެއްލުން ބޮޑުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
"މަސްތުވާތަކެއްޗާއި ގުޅިގެން އަޅުގަނޑުމެން އަދާކުރާ އަގު އެއީ ވަރަށް ބޮޑު އެއްޗެއް. ކޮންމެ ގޭބީސީއަކަށް ބަލާލިކަމަށްވީނަމަވެސް އޭގެ އަސަރު ވަރަށް ބޮޑަށް އެބައޮތް. އިޤްތިޞާދީގޮތުން ބަލާއިރު މަސްތުވާތަކެތި ގަތުމަށް މިހޭދަކުރާ ފައިސާ ޝިޕްމަންޓް ނުވަތަ ބޮޑެތި ޢަދަދުތަކުން ރާއްޖެ އެތެރެކޮށްފައި އޭގެ ވަރަށްގިނަ ޢަދަދެއް ދިވެހި މުޖުތަމަޢުތެރެއަށް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން އެގަތުމަށްޓަކައި އެކުރާ ހޭދައަކީ އެފަރާތްތަކުގެ މައިންބަފައިންނާ އާއިލާއިން އެކި ފަރާތްތަކުން އަދި އެކިކަހަލަ ދިވެހި މާހައުލުގެ ތެރޭ ހިނގާ އިޤްތިޞާދީ ހަރަކާތުގެ ތެރެއިން ބޭރުވާ ފައިސާއެއީ. އެގޮތަށް ބަލާއިރު މިއީ ވަރަށް ބޮޑު ކޮސްޓެއް ބެއަރކުރަންޖެހޭ ކަމެއް. އެހެންކަމުން މިމައްސަލައަށް ހައްލު ގެނައުން އެއީ ވަރަށް މުހިންމުކަމެއް." ކޮމިޝަނަރ އޮފް ޕޮލިސ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ޤާނޫނު 2011ވަނަ އަހަރު އައިފަހުން މިހާތަނަށް ނުކުރެވި އޮތްއެންމެ މުހިންމު ބޮޑު އެއް މަސައްކަތަކީ މަސްތުވާތަކެއްޗާބެހޭ ނޭޝަނަލް ސްޓްރެޓެޖީއެއް އެކުލަވާލުންކަމަށާ، އޭގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށް ސީޕީ ވިދާޅުވިއެވެ.
ދާދި ފަހުން ފުލުހުން ވަނީ އައްޑޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެއޮޕަރޭޝަންގައި ގާތްގަނޑަކަށް 100 ކިލޯއާއި ގާތްކުރާ ޢަދަދަކަށް މަސްތުވާތަކެތި ހޯދާފައިވެއެވެ. އަދި އެތަކެތީގެ އަގު 150 މިލިއަނަށްވުރެ މައްޗަށް އަރާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
އަހަންމަ
މިފަހަރު ޕާރޓީ ކުއްޖެއްވީމަ އެއީ އޭނަ ކުރިކަމަކަށް ނުހަދަން ކުރިންބައިގަ ވަކަރަށް ޖަހާލީދޯ.. މީގެކުރިންވެސް ކަނޑުމަތިން ތިގޮތަށް އެބަހުރި މަސްތުވާތަކެތި އަތުލަިގެންފަ.. އޭރަކު ނުދައްކާ ތިވާހަކަތަކެއް.. މިއީ ވަރަށް ވާހަކަ.. ޕީއެސްއެމް އިން ކޮންމެސަރުކާރެއްއޮތަސް ސަރުކާރު ވިއްކަންތިކުރާ މަސައްކަތް ބަލައެއް ނުގަނެވޭ..