ވިޔަފާރި

ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެ


ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މިހާރަކަށް އައިސް ކަސްޓަމަރުންނަށް ނޭގި ކާޑުގެ ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވެފައިވާކަމަށެވެ. މިފަދަ ސައްހަ ނޫން މުއާމަލާތްތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ދާދި ފަހުން ބައެއް ޕޭޕަލް މަރޗަންޓުން ބްލޮކްކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މި މަރޗަންޓުން ބްލޮކް ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރުމުގައި ދަތިތަކެއް ކުރިމަތިވިކަމަށާއި ނަމަވެސް މިހާރު ޕޭޕަލްގައި ހުރި ހުރިހާ މަރޗެންޓުން އަންބޮލޮކް ކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެހެންކަމުން ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ކުރިއަށް އޮތްތާނގައިވެސް މިފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެ ބޭންކުން ބުނެއެވެ. އަދި މަރޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެކަމުގެ ޔަޤީންކަންވެސް ބީއެމްއެލްއިން ވަނީ ދީފައެވެ.

ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށައެޅުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.