ޚަބަރު

ކޯވިޑް-19 : އައްޑޫން ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ސައިޓަށް، ހުއްދަނެތި ދިޔަ މީހެއްގެ މައްސަލަ ބަލަނީ


އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ގޮސް ކަރަންޓީނުގައިތިއްބާ ގިނަބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވި ސައިޓަށް ހުއްދަނެތި ދިޔަ، ޕޮލިސް އެކަޑަމީގެ އެހެން ސައިޓެއްގެ މީހަކު ޕޮސިޓިވްވުމާއެކު އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު 30ވަނަ ދުވަހު އައްޑޫން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އެސިޓީގައި ތަރައްޤީކުރާ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރުމަށް ގެންދިޔަ އިންޑިއާ ބައެކެވެ. 128 މީހުން ކަރަންޓީންގައި ތިބި އެ ސައިޓުގެ 53 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެ ސައިޓްގެ ސެކިއުރިޓީ ބަލަހައްޓާ މީހަކުވެސްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ސެކިއުރިޓީ ގާޑް ދިރިއުޅެމުންދިޔައީ އެ މަސައްކަތް ކުރުމުގައި އުޅޭ 230 މުވައްޒަފުން ތިބި އެހެން ސައިޓެއްގައިކަމަށެވެ.

230މީހުން ތިބި ސައިޓުން އިތުރު މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ޑޮކްޓަރ ނަޒްލާ ވިދާޅުވީ މިމީހާ ކަރަންޓީންގައި މީހުންތިބި ސައިޓަށް ކޮންމެވެސްވަރަކަށް ގޮސްއުޅުމުންކަމަށް ހާމަވެފައިވާކަމަށެވެ. އަދި ހުއްދަ ނެތި ކަރަންޓީން ސައިޓަކަށް ދިއުމާ ގުޅިގެން އެކަން ބަލަންމުންދާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ކަރަންޓީގައި މީހުން ތިބި ސައިޓަށް މި މީހާ ކޮންމެވެސްވަރަކަށް ދިޔަކަމަށްވޭ. މި މައްސަލަ ފުލުހަށްވެސްވަނީ ހުށައަޅާފައި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މި މަސައްކަތާއި ގުޅިގެން އެރަށަށް ދަތުރުކޮށް ކަރަންޓީންގައި ތިބި އިތުރު 8 މީހުން ޓެސްޓުކުރިއިރު، އޭގެތެރެއިންވެސް އެކަކު ޕޮސިޓިވްވެފައިވާކަމަށެވެ. އިތުރު 3 ކޭސްއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރުމިވަނީ 56އަށް އަރާފައެވެ.

މި ކޭސްތަކާ ގުޅިގެން 377 ސާމްޕަލްވަނީ ނަގާފައެވެ. މީގެތެރެއިން 56 މީހުން ޕޮޒިޓިވްވެފައިވާއިރު، 85 ސާމްޕަލް ނެގެޓިވްއެވެ. އަދި އިތުރު 74 ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ގިނަ ކޭސްތަކެއް ފެނުނު ނަމަވެސް އައްޑޫ މޮނިޓަރިންއަށް ލާފައެއް ނުވެއެވެ.