ޚަބަރު

ރިޟްވާން ފުރައިގެން ދިޔަކަމަށް ލިޔުން ހަދަން އުޅުނު ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފި


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، ރިޟްވާން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަމަށް ދައްކަން ލިއުން ތައްޔާރުކުރަން އުޅުނު ކަމަށް ތުހުމަތުކުރާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް ހިފަހައްޓާފައިވަނީ ކޮން ތާރީޚެއްގައިކަމެއް އަދި އެކަމުގެ ތަފްސީލެއް ދެއްވާފައި ނުވެއެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުން ގުޅިގެން، ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.

ޙަސަން ޢަލީގެ މައްޗަށް ތުޙުމަތު ކުރެވޭ ޖިނާއީ ކުށުގެ މައްސަލަ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އިން ތަޙްޤީޤު ކުރަމުންދާކަމުގެ މަޢުލޫމާތު އެ ކޮމިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެންގުމާއި ގުޅިގެން، 16 ސެޕްޓެންބަރު 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްވެސް ކުރިއެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް އިމިގްރޭޝަނުން ހޯދުމަށް މަސައްކަތްކުރި އިންޓެލިޖެންސްގެ ދެ ފުލުހަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

2014 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ރިޟްވާންއަށް ވީނުވީއެއް ނޭގި ގެއްލިގެން ހޯދަން ފަށާފައިވާއިރު، މިހާތަނަށް މިމައްސަލާގައި އިންސާފު ހޯދުމަށް އާއިލާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ވަނީ ރިޟްވާންގެ މަރުގެ ރިޕޯޓް އެކުލަވާލައި ހާމަވެސް ކޮށްފައެވެ. އެ ރިޕޯޓްގައިވާ ގޮތުން ރިޟްވާންވަނީ ކަނޑުމައްޗަށް ގެންގޮސް މަރާލާފައެވެ.