"އޭރު އުމުރުން 18އަހަރު، މާބޮޑު ފިކުރެއް ނޯވެ. އޮފީހަށް ވަންނަން ބުނީމަ ވަނީ. ކުޑަކުއްޖަކު އުޅޭހެން ހަމަ އުޅޭނީ." މަރިޔަމް ރަޝީދާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ބުންޏެވެ. މަރިޔަމް ރަޝީދާގެ މިހާރުގެ އުމުރަކީ 58އަހަރެވެ.
މިދިން ކުޑަ ތަޢާރަފުން މިދައްކަނީ ކާކުގެ ވާހަކައެއްކަމެއް ނޭނގޭނެއެވެ. ދެކެފަރިތަ މޫނެއްވެސް ނޫނެވެ. މިއީ ދިވެހި ޤައުމުގެ ޚިދުމަތުގައި މަރިޔަމް ރަޝީދާ ކުރެއްވި ބުރަ މަސައްކަތެކެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ އޭރުގެ އެންމެ އިސް ކޯޓަކީ ދިވެހިރާއްޖޭހެ ހައިކޯޓެވެ. ހައިކޯޓު 1980ވަނަ އަހަރުގެ އޮގަސްޓްމަހު އުފެދުނީއްސުރެ، 2008 ވަނަ އަހަރު ސްޕްރީމް ކޯޓު އުފެދުމާއި ހަމައަށް ރާއްޖޭގައި އެންމެ މަތީ ކޯޓަކީ ހައިކޯޓެވެ.
މިއަދަކީ ހައިކޯޓު އުފެދި އެކޯޓުގެ ޚިދުމަތަށް 40އަހަރު ފުރޭ ދުވަހެވެެ. އަދި މަރިޔަމް ރަޝީދާ ހައިކޯޓުގައި މަސައްކަތްކުރާތާ 39އަހަރު ފުރިހަމަވެ، މިހާރު ގުނަމުން ދަނީ ޚިދުމަތުގެ 40ވަނަ އަހަރެވެ. ޢާއްމުކޮށް ކިޔާގޮތުންނަމަ "މަރިޔަން" ހައިކޯޓުގެ ވަޒީފާ އާއި ގުޅިވަޑައިގެންފައިވަނީ މީގެ 39 އަހަރު ކުރިން 1981ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. މަރިޔަމް ރަޝީދާ ޚާއްސަވަނީ އޭނާ އަކީ ހައިކޯޓުގެ ދިގު މާޒީގައި އެ އޮފީހުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތުގައި ދެމިހުރި މުޢައްޒަފަށް ވުމުންނެވެ.
ހައިކޯޓާއި މަރިޔަމް ގުޅުނީ ޓައިޕިސްޓެއްގެ މަޤާމަށެވެ. އާއްމުކޮށް ކިޔާގޮތުންނަމަ ކޯޓުގެ ބޭނުމަށް ލިޔާ ލިޔުންތައް ކަރުދާހުގައި ރައްކާކުރުމަށް ލިޔާ މީހެއްގެ ގޮތުގައެވެ.
16އަހަރުގައި ވަޒީފާގެ މައިދާނަށް ނުކުތް މަރިޔަމް ވަނީ ހައިކޯޓުގެ މަސައްކަތާއި ގުޅުމުގެ ކުރިން ޕަބްލިކް ހެލްތު ފަދަ ބައެއް އެހެން އޮފީސްތަކުގައިވެސް މަސައްކަތްކުރައްވާފައެވެ.
ހައިކޯޓުގައި މަރިޔަމް މިހާރު މަސައްކަތްކުރައްވަނީ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައެވެ. މަރިޔަން ވަނީ ހައިކޯޓު އުފެދުނީއްސުރެ އެ އޮފީހުގައި އޭނާކުރި ތަޖުރިބާ ޕީއެސްއެމްއާއި ޙިއްސާކުރައްވާފައެވެ.
މަރިޔަމް ވިދާޅުވީ، ހައިކޯޓުގެ ވަޒީފާ އާއި ގުޅިވަޑައިގެންނެވީ ލިބިވަޑައިގެންނެވި ހުށައެޅުމަކަށް ކަމަށެވެ. ދާއިރާގެ މާބޮޑު މަޢުލޫމާތެއް ނެތްނަމަވެސް، އޭރު ރަނގަޅު ވަޒީފާއެއް އަދާކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ. ހައިކޯޓުގައި މަރިޔަމް ފުރަތަމަ އަދާކުރި ޓައިޕިސްޓްގެ މަޤާމަކީ އޭނާ ވަރަށް ގަޔާވެގެން އަދާކުރި ވަޒީފާއެއްކަމަށެވެ.
"ޓައިޕިސްޓެއްގެ މަޤާމަށް އައީ. އިންގްލިޝް ޓައިޕް ރައިޓިންގވެސް ހެދިން. އޭރު ޖެހޭނެ ލެޓިންއިންވެސް ސިޓީ ލިޔަން. އެއީ ވަރަށް ކުރާހިތުން އަޅުގަނޑު ކުރި ކަމެއް." މަރިޔަން ބުނެފައިވެއެވެ.
މަރިޔަން ހައިކޯޓުގައި ހޭދަކުރި ދިގު މާޒީގައި އިދާރީގޮތުން ޝަރުޢީ ސެކްޝަންގައި ގިނަ މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ. އަދި ދިގު މުއްދަތެއް ހޭދަކުރެއްވީވެސް މި މަސައްކަތުގައެވެ.
"މަހުޒަރު ނުވަތަ ކޯޓުގައި ދައްކާ ވާހަކަތައް ލިޔުމާއި، އަދި ފަނޑިޔާރުން ދައްކާ ވާހަކަތައް ލިޔުމާއި، ގަޒިއްޔާލިޔުންފަދަ މަސައްކަތްތައް އޮންނާނީ." މަރިޔަން ބުނެފައިވެއެވެ.
މާބޮޑު ސެޓްފިކެޓްތަކެއް ނެތް ނަމަވެސް އޭނާވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މަރިޔަމް ވިދާޅުވީ، ވަނީ އޭނާއަށް މިހާ ގިނަދުވަހު އެއް އޮފީހެއްގައި ވަޒީފާ އަދާ ކުރެވުނީ އޮފީހުންގެ އިސްވެރިންނާއި، އެކުގައި އުޅޭ މުވައްޒަފުންނާއި އަދި އޭނާ ވަޒީފާއަށް ބަހައްޓަމުން އައި ޝަޢުގުންކަމަށެވެ. ކޯވިޑުގެ ޙާލަތާއި ގުޅިގެން މަރިޔަން މިވަގުތު ހުރީ ގޭގައެވެ.
މަރިޔަމް ވިދާޅުވީ ވަނީ ކޯޓުގައި ހުޅުޖެހި ދުވަހާއި ސުނާމީ އާއި ނޮވެމްބަރު 3 ފަދަ ދުވަސްތަކުގެ ކަންކަން އޭނާ ތަޖުރިބާ ކުރައްވާފައި ވާކަމަށެވެ. އެގޮތުން 2003 ވަނަ އަހަރު ސެޕްޓެމްބަރުމަހުގެ ތެރޭގައ ހައިކޯޓު ހިންގާ އިމާރާތަށް ގައުއުކައި ބިއްލޫރިތައް ތަޅައި ގެއްލުންދިން ވަގުތުގައިވެސް އޮފީސް އިމާރާތުގައި ހުރިކަމަށަވެ. އަދި ކޯޓުގައި ހުޅުޖެހި ޚަބަރު ލިބުނީ މަސައްކަތުގައި އުޅުއްވުމަށްފަހު ގެއަށް ވަޑައިގެންނެވި ތަނުންކަމަށް މަރިޔަން ވިދާޅުވިއެވެ.
މަސައްކަތުގައި އެންމެ ހަނދާން ހުންނަ ކަމަކަށް މަރިޔަމް ފާހަގަކުރީ އޭނާއަށް އޮފީހުގެ ވެރިޔާގެ ފަރާތުންް ޓައިޕް ރައިޓަރެއް ހަދިޔާކުރި ހަނދާނެވެ. އެއީ ތާނަ ޓައިޕްރައިޓަރު އަލަށް އުފެދުނު ދުވަސްވަރުކަމަށް މަރިޔަން ބުންޏެވެ.
"އޭރު ބައިވެރިވީ ޓައިޕް ރައިޓިންގ މުބާރާތެއްގައި. އަޅުގަނޑުމެންގެ އިސްވެރިޔާ ވިދާޅުވީ، 1ވަނަ ހޯދައިފިއްޔާ ދިވެހި ޓައިޕް ރައިޓަރެއް ހޯދައިދެއްވާނަމޭ. ދެން އަޅުގަނޑާއި އެހެން ކުއްޖަކަށް އެއްވަނަ ލިބުނީވެސް. ލިބުނީމައި ދިވެހި ޓައިޕްރައިޓަރެއް ހޯދައިދީފައި ބުނީ މި ބަލަހައްޓާނީވެސް ގެންގުޅޭނީވެސް ބޭނުންކުރާނީވެސް ހަލާކުވާނީވެސް މަރިޔަން އަތުންނޭ." އެންމެ ހަނދާން ހުންނަ ކަމެއްގެ ގޮތުގައި މަރިޔަން ކިޔައިދިނެވެ.
މަރިޔަމް ބުނެފައި ވަނީ އޭނާއަށް މިހާދުވަހު މަސައްކަތުގައި ހޭދަކުރެވުނީ ލިބުނު މަސައްކަތުގެ މާޙައުލާއި، އޭނަގެ މަންމަޔާއި ބައްޕަގެ އެހީތެރިކަމާއި ހިއްވަރުގެ ސަބަބުން ކަމަށެވެ. މަރިޔަމްގެ 3 ކުދިން ތިބިއިރު، މަސައްކަތުގެ ވަގުތުގައި ކުދިންގެ ކަންކަމުގައި އެހީވީ މައިންބަފައިންކަމަށެވެ. ޙިއްވަރާއިއެކު މަސައްކަތްކޮށްފިނަމަ އަންހެނުންނަށްވެސް މަސައްކަތް ކޮށް، މިކަން ވާނެކަން މަރިޔަންވަނީ ދައްކައިދީފައެވެ.
58އަަހަރުގެ މަރިޔަން މިހާތަނަށް އައިއިރު އޭނާގެ އުމުރުގެ 39އަހަރު ހޭދަކޮށްފައި މިވަނީ ހައިކޯޓުގެ އެކި ވަޒީފާތަކުގައެވެ.
މަރިޔަމް ވިދާޅުވެފައި ވަނީ މަސައްކަތުން ރިޓަޔަރވުމަށް އަދި ބޭނުން ނުވާކަމަށާއި، ބޭނުންވަނީ ޚިދުމަތުގައި ދެމިހުރުމަށް ލިބޭ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތުގައި ދެމި ހުންނެވުމަށް ކަމަށެވެ.
މަންމަ
❤️