ވިޔަފާރި

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒާގުޅޭ މަޝްވަރާ


ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު އިންތިޒާމްކުރުމާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު އިކޮނޮމިކް މިނިސްޓްރީން މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ. ޕީއެސްއެމާގުޅިގެން ކުރިއަށް ގެންދަވާ މިބައްދަލުވުންތަކާ ގުޅޭ މަޢްލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު އިންތިޒާމް ކުރާ ކޮމިޓީގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ، އެ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒަކީ އެހެން އަހަރުތަކާއި ހިލާފަށް، ވިހާވެސް ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާއްމުން ޝަޢުގުވެރިކުރުވާނެ ފަދަ ގޮތަކަށް ބޭއްވޭ މައުރަޒަކަށް ހެދުންކަމަށެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގައި ބޭއްވޭ އެކިކަހަލަ އެކްސްޕޯތަކާއި ފެއަރތައް ބާއްވާ އުސޫލުން މި މައުރަޒަށްވެސް ޚާއްސަ ކުރެވިގެން ވަކި ނަމެއް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށާއި، މި މަސައްކަތު ބައްދަލުވުމުގެ އަލީގައި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ ޤަވާއިދު އިސްލާހުކޮށް، މި ހަފުތާތެރޭ ގެޒެޓްކުރާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.އަންނަ މަހުގެ ކުރީކޮޅު އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ރަސްމީކޮށް ލޯންޗްކުރުމާއި ހަމައަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގެ ތެރޭ މަޝްވަރާކުރައްވާނެކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި އަހަރުގެ ނޮވެމްބަރު މަހު އެ ފުރުސަތު ހުޅުވާލާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިފަހަރުގެ މައުރަޒުގައި ހަ ދާއިރާއަކުން ޖުމްލަ ސާޅިސް ހަތް ގިންތިއަކުން އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒީ އެހަރާއި މިހާރުގެ ދިވެހި އުފެއްދުންތަކާއި މަސައްކަތްތެރިން އެއްތަނަކުން ފެންނާނެހެން ދައްކައިދިނުމަށާއި، އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށް ހިތްވަރުދީ، ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމުގެ މަޤުސަދުގައި އިކޮނޮމިކް މިނިސްޓްރީން ޤައުމީ ފެންވަރުގައި ބާއްވާ މައުރަޒެކެވެ.