ތަޢުލީމު

2016 ވަނަ އަހަރު ޤައުމީ ޔުނިވަސިޓީން ފަށާ ކޯސްތައް އިއުލާނުކޮށްފި


އަންނަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޔުނިވަސިޓީން ފަށާ ކޯސްތައް މިއަދު އިއުލާންކޮށްފިއެވެ.ޔުނިވަސިޓީގެ މަރުކަޒީ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޔޫގެ ޗާންސެލަރ ޑރ.މުހައްމަދު ލަތީފް ވިދާޅުވީ ޖެނުއަރީ މަހު 192 ކޯހެއް ފަށާއިރު އެ ކޯސްތަކުގައި ބައިވެރިވުމަށް 6245 ޖާގަ ހުޅުވާލެވިގެންދާނެ ކަމަށެވެ. އަދި ޔުނިވާސިޓީގެ ކޯސްތަކަށާއި ޖާގައަށް އަންނަ ބަދަލާއިއެކު މި ޖާގަ އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް ޔުނިވާސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ލަތީފް ވިދާޅުވިއެވެ.މީގެ އިތުރުން ޤައުމީ ޔުނިވާސިޓީގެ އެކި ކޯސްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ކޮންމެ ސެމިސްޓާއެއްގައި ބާއްވަމުން އަންނަ ފަހި ދުވަސް އަންނަ އޮކްޓޯބަރ މަހުގެ އެކަކުން ތިނަކަށް ކުރިއަށްދާނެ ކަމަށްވެސް ޔުނިވާސިޓީއިން މައުލޫމާތުދެއެވެ.އަދި ޔުނިވާސިޓީގެ ކޯސްތަކަށް ވަނުމަށް އެދޭ ފޯމު މި މަހުގެ 28 ވަނަ ދުވަހު ބަލައިގަންނަން ފަށާނެ ކަމަށާއި ކޯހަށް އެދި ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އީމެއިލަކުން ކޯހަށް ހޮވުނުކަން ނުވަތަ ނޫންކަން އެފަރާތަކަށް އެންގޭނެ ކަމަށްވެސް ޔުނިވާސިޓީން މައުލޫމާތުދެއެވެ.12 ދާއިރާއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސްތަކުގައި ފައުންޑޭޝަން އިން ފެށިގެން މާސްޓާރސްއާ ހަމައަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް ޔުނިވާސިޓީން މައުލޫމާތުދެއެވެ.މީގެ އިތުރުން މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމްއެންޔޫގެ ދަނާލުން ޖާގަ ހޯދުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެކަމަށް ޔުނިވާސިޓީން މަޢުލޫމާތުދެއެވެ.