ޚަބަރު

އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފި


ކޯވިޑް-19 ގައި ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަވާލުކޮށްދެއްވީ އެމެރިކާއިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލައިނަ ޓެޕްލިޓްޒްއެވެ. އަދި ވެންޓިލޭޓަރުތަކާއި ދިވެހިސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ސްރީލަންކާއަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި އެހީތެރިކަމުގެ ސަބަބުންވެސް އެމެރިކާ އާއި ރާއްޖެ އާއި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވާނެ ކަމަށެވެ. އަދި އެމެރިކާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި ހުރިހާ ހާލަތެއްގައި ވެސް އެގައުމަށް ރާއްޖެއިން ބަރޯސާވެވޭ ކަމުގައި ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، ޔޫއެސްއެއިޑް އިން ފޯރުކޮށްދިން މި އެހީގެ ސަބަބުން ރާއްޖޭގެ އައިސީޔޫތަކުގެ ކެޕޭސިޓީ އިތުރުވެގެންދާނެކަމަށާއި ކޯވިޑް-19ގެ މިހާލަތަށް ފަހުގައިވެސް ކުއްލި ހާލަތްތަކުގައި އެތަކެތި ބޭނުންކޮށް ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

"މި އެހީތަކުގެ ތެރެއިން ދެ މިލިއަން ޑޮލަރުގެ ގްރާންޓް އެއިޑެއް ހިމެނޭ. މީގެއިތުރުން އެމެރިކާއިން ވަނީ ޕީޕީއީ އާއި ޕީސީއާރު މެޝިންގެ އިތުރުން މި ބަލިމަޑުކަމުން އަރައިގަތުމަށްތަކައި ބޭނުންވާ އެހެނިހެން އާލާތްތައްވެސް ފޯރުކޮށްދީފަ." މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ކޯވީޑް-19 އާ ގުޅިގެން މީގެ ކުރިންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް އެކި ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޯވިޑް 19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތަކުން އަރައިގަތުމަށްޓަކައި މިހާތަނަށް 4 މިލިޔަން ޑޮލަރު އެމެރިކާއިން ފޯރުކޮށްދީފައި ވާކަމަށެވެ.