ކުޅިވަރު

ލެސްޓާ ސިޓީ ބަލިކޮށް އާސެނަލް ލީގު ކަޕުގެ ހަތަރު ވަނަ ބުރަށް


އިނގިރޭސި ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި ލެސްޓާ ސިޓީ ބަލިކޮށް އާސެނަލުން މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ލެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ލެސްޓާ ސިޓީގެ މައްޗަށް އާސެނަލުން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާސެނަލުން ޖެހި ފުރަތަމަ ލަނޑަކީ ލެސްޓާ ސިޓީގެ ކިރިސްޓިއަން ފުޗް އަތުން ބައިކޮޅަށް ވަތް ލަނޑެކެއެވެ. އާސެނަލްގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ އެ ޓީމުގެ އެޑީ އެންކެޓިއޭއެވެ. ލީގުގެ ހަތަރު ވަނަ ބުރުގައި އާސެނަލް ނުކުންނާނީ ލިވަޕޫލްއާއި ލީގުވަންގައި ވާދަކުރާ ލިންކްލޯން މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ލީގު ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ ވަނީ ބާންސްލީއާ ވާދަކޮށް 6-0 އިން މޮޅުވެފައެވެ. މެޗުގައި ޗެލްސީގެ ޒުވާން ކުޅުންތެރިޔާ ކައި ހާވާޓްޒް ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މިއީ އޭނާ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކްއެވެ. ކައި ވަނީ މިއަހަރު ތެރޭގައި އޭނާ ވާދަކުރި މުބާރާތްތަކުގައި މިހާތަނަށް 18 ލަނޑު ޖަހާފައެވެ. މި މެޗުގައި ޗެލްސީއަށް މި ސީޒަނުގައި އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން ބެން ޗިލްވެލްއާއި ތިއޯގާ ސިލްވާ ވަނީ ފުރަތަމަ ފަހަރަށް ޗެލްސީގެ ޖާޒީގައި ކުޅެފައެވެ. ޗެލްސީގެ ހަތަރު ވަނަ ބުރުގައި ވާދަކުރާ ކުރާނީ އަންގާރަ ދުވަހުގެރޭ ކެންސަލް ކުރި ލޭޓޮން އާއި ޓޮޓަނަމް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ކެންސަލް ކޮށްފައިވަނީ ލޭޓޮންގެ ގިނަ ކުޅުންތެރިނާ ޓީމުގެ ސްޓާފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

މުބާރާތުގައި ރޭ އެވަޓަންއިން ވަނީ 5-2 ގެ ނަތީޖާއަކުން ފީލްޓްވޫޑްއާ ވާދަކޮށް ކުރި ހޯދާ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. ހަތަރުވަނަ ބުރުގައި އެވަޓަން ނުކުންނާނީ ވެސްޓްހޭމްއާ ދެކޮޅަށެވެ. ނިއުކާސަލް ޔުނައިޓެޑް ވަނީ މޯކަންބް އެފްސީއާ ވަދާކޮށް 7-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ހަތަރު ވަނަ ބުރުން ޖާގައެއް ޔަގީންކޮށްފައެވެ. މުބާރާތުގެ ހަތަރު ވަނަ ބުރުގައި ނިއުކާސަލް ނުކުންނާނީ ނިއުޕޯޓްއާ ދެކޮޅަށެވެ.