ތަޢުލީމު

މިނިމަމް އެންޓްރީ ރިކުޔަމަންޓް އިސްލާހުކުރަނީ


މަތީ ސާނަވީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ "މިނިމަމް އެންޓްރީ ރިކުޔަމަންޓް" މުރާޖާކުރުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމް.ކިޔު.އޭއާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގެ މަޤުސަދަކީ، މިހާރު އަމަލުކުރަމުންދާ "ވޯލްޑް އެޑިއުކޭޝަން އެޖެންޑާ" ނުވަތަ ދުނިޔޭގެ ތަޢުލީމާއިބެހޭ އެޖެންޑާއާއި އެއްގޮތްވާގޮތުގެ މަތިން އެމް.ކިޔު.އޭއިން އެކުލަވާލާފައިވާ މިނިމަމް އެންޓްރީ ރިކުޔަމަންޓް، ޒަމާނީ ބަދަލުތަކާއެކު އިސްލާޙުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަޝްވަރާކުރުމެވެ.މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަޒީރު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ މިނިމަމް އެންޓްރީ ރިކުޔަމަންޓް އިސްލާހުކުރުމުގެ ބޭނުމަކީ، އެއްވެސް ހާލެއްގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ހަނިކުރުން ނޫންކަމަށެވެ. އަދި މި މަސައްކަތްކުރުމުގެ އެންމެ ބޮޑު މަޤުސަދަކީ ދުނިޔެއަށް އަންނަމުންދާ ބަދަލުތާއެކު މަސައްކަތުގެ މާހައުލުގައި ބޭނުންވާ ހުނަރު އިތުރަށް ކުރިއެރުވޭނެ ގޮތްތަކެއް ހޯދާ، މަތީ ތަޢުލީމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުންކަމަށް ނަޒީރު ވިދާޅުވިއެވެ.މި މަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމް.ކިޔު.އޭގެ ސީ.އީ.އޯ ޑރ.އަބްދުލްހައްނާން ވަހީދު ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ އަލީގައި މިނިމަމް އެންޓްރީ ރިކުޔަމަންޓް މުރާޖާ ކުރުމަށް އެ އޮތޯރިޓީއިން އެކުލަވާލާފައިވާ ކަރުދާހައި މެދު ބައިވެރިންގެ މެދުގައި މަޝްވަރާކޮށް، ހުށަހަޅަންޖެހޭ އިސްލާހުތައް ހުށަހެޅުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މި އިސްލާހުތައް ތަންފީޒުކުރާނެ ޓައިމްލައިންތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި ގުޅިގެން ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.