ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާ އާއި އެކުވެރި ޢަރަބި ޢިމާރާތް، އަދި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތަކަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.
މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވީ މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.
އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ހެންވޭރު ނިޔާސާ ޑޮކްޓަރ ޙުސައިން ނިޔާޒެވެ. އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައަޅުއްވާފައި ވަނީ ހެންވޭރު މިސްޓީލޮޖް އާމިނަތު ޝަބީނާއެވެ. އަދި، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ ގަލޮޅު ޗޭނުގެ ފަރުޒާނާ ޒާހިރެވެ.
އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި ޑޮކްޓަރ ޙުސައިން ނިޔާޒު އެންމެ ފަހުން ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި، އެ މަނިކުފާނު ވަނީ އަބޫ ދާބީގެ އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. ޑޮކްޓަރ ޙުސައިން ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފީ އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި އާމިނަތު ޝަބީނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އަދި، އެ ކަމަނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. އާމިނަތު ޝަބީނާ އަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް ކަނޑައެޅުއްވި ފަރުޒާނާ ޒާހިރު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އެ ކަމަނާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މާޤާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ފަރުޒާނާ ޒާހިރަކީ ނިއުޒީލެންޑުން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.