ރާއްޖެއިން އިތުރު 48 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވެ، 48 މީހަކު މި ބަލިން ރަނގަޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަޙައްދުން 47 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 20 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9818 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 48 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8438 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1340 އަށް އަރާފައިވާއިރު 674 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 92 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ.ވިލިނގިލީގައި 3 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1190 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް 142،374 ސާމްޕަލް ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 23 ރަށަކުންނާއި، 25 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 28 މީހަކަށާއި، 14 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 16 ފަތުރުވެރިއަކާއި، 34 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.