މާލޭގެ ހުޅަނގު
ފަރާތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗް މަޝްރޫޢުގައި ހިމެނޭ
މަގުހެދުމުގެ މަސައްކަތުގެ ސާރވޭ ފަށައިފިއެވެ.
އާ އާޓިފިޝަލް
ބީޗްގެ މަގު ހެދުމުގެ މިމަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ އެ ސަރަޙައްދުގެ
މަގު ހެދުމަށް ސާރވޭ ހެދުމުގެ މަސައްކަތް މިއަދު ފަށާ، ބެންޗް މާކް ޖެހުމުގެ
މަސައްކަތް ފަށާފައިވާކަމަށެވެ. ނަޒީމް ވިދާޅުވީ އެސަރަޙައްދުގައި ހުރި
އެމްޑަބްލިޔުއެސްސީގެ ފެންހޮޅި ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާތީ، މަގުތައް
ކޮނުމުގެ މަސައްކަތް މިމަސައްކަތްތައް ނިމުމުން ފަށާނެކަމަށެވެ. މިއާއެކު ފެން
ހިންދާ ނިޒާމުތަކާއި، ކާނުތަކާއި ޖަންކްޝަންތައް ވަޅުލުމުގެ މަސައްކަތް
ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.
މާލޭގެ ހުޅަނގު
ފަރާތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗް މަޝްރޫޢު ރޯޑް
ޑިވެލޮޕްމަންޓް ކޯޕަރޭޝަަނާއި ހަވާލުކޮށްފައިވަނީ 1.9 މިލިއަން ރުފިޔާއަށް
ހަތްދިހަ ފަސް ދުވަހުގެތެރޭގައި ނިންމުމަށެވެ. ނަޒީމް ވިދާޅުވީ މިމަސައްކަތް
ދެމަސްދުވަހުގެތެރޭގައި އެކުންފުނިން ނިންމުމަށް އަމާޒުކުރާކަމަށެވެ.
މިމަޝްރޫޢޫގައި
އެސަރަޙައްދުގެ މަގުގެ ޕޭވްމަންޓް އާއި ފެންހިންދާ ނިޒާމުތައް ޤާއިމުކޮށް މާލޭގެ
ހުޅަނގު އުތުރު ކަންމަތިން ފެށިގެން އައިޖީއެމްއެޗާއި ހަމައަށް ގަސް އިންދާ ތަންތަން
ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މޫދަށް
އެރެވޭގޮތަށް މާލޭގެ ހުޅަނގު ފަރާތް ތަރައްޤީކުރަން 41.5 މިލިއަން ރުފިޔާއަށް
ސަރުކާރުން ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން
އާޓިފިޝަލް ބީޗްގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް ހައުސިންގ
މިނިސްޓްރީން ވިދާޅުވެއެވެ.