ގދ.ހޯނޑެއްދުއިން ކޯވިޑް-19އަށް ޕޮސިޓިވްވި 44 މީހުންގެ ތެރެއިން 25 މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ގދ.ހޯނޑެއްދޫއިން ކޯވިޑް-19ގެ ބޮޑު ކްލަސްޓަރއެއް ފެނިފައިވަނީ މިމަހުގެ 4ވަނަ ދުވަހު، އެރަށުން މިބައްޔަށް ޕޮޒިޓިވްވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. މި ދެމީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ ބަލީގެ ޢަލާމާތްތައް ފެނިގެން ޓެސްކުރުމުންނެވެ. އެއަށްފަހު ހޯނޑެއްދުއާއި އެރަށާއި ކޯސްވޭއަކުން ގުޅާލާފައިވާ މަޑަވެލިވެސް މޮނިޓަރިންގެ ޙާލަތަށް ގެންގޮސް ރަށުން އެކި މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ. މި ކޭސްއާ ގުޅިގެން އެރަށުން 202 ކޮންޓެކްޓެކްޓުން ފާހަގަވެ އެންމެންގެ ސާމްޕަލް ނަގައި، ޓެސްޓް ހެދިއެވެ. އަދި ރަށުން ރެންޑަމް ސާމްޕަލްތައްވެސް ނަގައި ޓެސްޓުކޮށްފައިވެއެވެ.
ސެޕްޓެމްބަރ 4 ގައި 2 ކޭސް ފެނުނުއިރު، އެރަށުގައި ހޯމްކަރަންޓީންގައި ބައްޔަށް ޕޮޒިޓިވް 4 މީހަކު ތިއްބެވެ. މި 4 މީހުންނާއި ރަށުތެރެއިން ފެނުނު 2 ކޭސްއާ ގުޅިގެން ބެލި ބެލުމުން ޖުމްލަ 44 ޕޮޒިޓިވް ކޭސް އެރަށުންވަނީ ފެނިފައެވެ. މީގެތެރޭގައި އެއް ކްލަސްޓަރއަށް ނިސްބަތްވާ 40 މީހުން ހިމެނެއެވެ.
އަތޮޅުތަކުގެ ރަށްތަކުގެ ކޯވިޑް-19ގެ ކޭސްތަކުގެ މަޢުލޫމާތަށް ބަލާއިރު އެންމެ ފަހުން އެޗްޕީއޭއިން ހާމަކުރައްވާފައިވާ، މަޢުލޫމާތަށް ބަލާއިރު ހޯނޑެއްދުއިން ޕޮޒިޓިވްވި މީހުންގެތެރެއިން 25 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. ކޯވިޑް-19 ބަލިމީހުންގެ ގޮތުގައި އެރަށުގައި މިވަގުތު ތިބީ 19 މީހުންނެވެ.
ހޯނޑެއްދުއަކީ މާލެ ސަރަޙައްދު ފިޔަވައި އެއް ރަށަކުން އެންމެ ގިނަ ކޭސް ފެނުނު ރަށެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މަޢުލޫމާތުދޭ ގޮތުގައި އެރަށުގެ %6 ގެއިން ކޯވިޑް-19ގެ ބަލިމީހުން ފެނިފައިވެއެވެ. އަދި ރަށުގެ %19ގޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ތިއްބެވެ.
އެރަށުން އެންމެ ފަހުން ބައްޔަށް ޕޮޒިޓިވްވި ބަޔަކު ފެނިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އެދުވަހު 2 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިމަހުގެ 5ވަނަ ދުވަހުއެވެ. އެދުވަހު 19މީހުން ޕޮޒިޓިވްވެފައިވެއެވެ.
އެޗްއީއޯސީން ވިދާޅުވެފައިވަނީ ބައްޔަށް ޕޮޒިޓިވްވި އެންމެންނަކީވެސް އެއް ކްލަސްޓަރއަކަށް ނިސްބަތްވާ މީހުންކަމަށްވާތީ، އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަމަށެވެ. ނަމަވެސް ރަށުތެރެއިން ފެނުނު 2ކޭހާ ގުޅިގެން، ރަށަށް ބަލި ދިޔަގޮތް ބެލުމަށް އިންވެސްޓިގޭޝަނެއް ކުރިއަށްދާކަމަށެވެ.
ގިނަ ޢަދަދެއްގެ ކޭސްތައް ފެނުމާ ގުޅިގެން ހޯނޑެއްދުއަށްވަނީ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމްތައްވެސް ގޮށްފައެވެ.