ކުޅިވަރު

ލީޑްސް ޔުނައިޓެޑުން ދެއްކި ކުޅުމުން ކްލޮޕް ހައިރާންވެފައި


އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވި ނަމަވެސް ލީޑްސް ޔުނައިޓެޑުން ދެއްކި ކުޅުމާމެދު ހައިރާންވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ލީޑްސްގެ ކުޅުންތެރިންނަށް ފުރަތަމަ ވެސް މަރުޙަބާ ކިޔާކަމަށާއި އެކުޅުންތެރިން ދެއްކި ކުޅުން ގަބޫލްކުރަން ވެސް ދަތި ކަމަށެވެ. ކްލޮޕް ބުނީ މި މެޗުގައި އެހާވެސް މޮޅަށް ލީޑްސްގެ ކުޅުންތެރިން ކުޅުނު ކަމަށެވެ. ކްލޮޕް ބުނީ މެޗުގައި ދެޓީމު ފަރާތުން ފެނުނީ ބަލާހިތްވާ ކަހަލަ އެޓޭކިން ފުޓްބޯޅައެއްކަމަށެވެ. ގިނަ ލަނޑުތަކެއް މެޗުގައި ފެނިގެން ދިޔުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކުރަމުން ލިވަޕޫލް ކޯޗު ބުނީ ލިވަޕޫލުގެ ފަހަތް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށާއި ކުރިޔަށްހުރި މެޗުތަކުގައި އެކަން ރަނގަޅުވާނެ ކަމަށެވެ.

އޭނާ ބުނީ ލީޑްސް ޔުނައިޓެޑުން މެޗުގައި ހެދި ގޯސްތަކުގެ ފައިދާ ލިވަޕޫލްއިން ނެގީ ވަކިވަކި ކުޅުންތެރިންގެ ހުނަރު ބޭނުންކޮށްގެން ކަމަށެވެ. މެޗުގައި ރަނގަޅު ކަންތައްތަކެއް ލީޑްސް ޔުނައިޓެޑްގެ ފަރާތުން ފެނުނުކަމަށާއި އެގޮތުގައި ލީޑްސް މިސީޒަނުގައި ކުޅެފިކަމުގައި ވާނަމަ ލީޑްސްއިން ލީގުގެ ރަނގަޅު ހިސާބެއްގައި ނިންމާލާނެކަމަށް ހުސްވި ސީޒަންގައި ލިވަޕޫލަށް ލީގު ހޯދައިދިން ކޯޗު ބުންޏެވެ.

ލިވަޕޫލާއި ދެކޮޅަށް ލީޑްސް ޔަނައިޓެޑުން ދެއްކީ ހިތްވަރުގަދަ ކުޅުމެއް ކަމަށާއި ބޯޅަ ކޮންޓްރޯލުކޮށްގެން ގިނަ ވަގުތު ކުޅުނީ އެމީހުންކަމަށް މެޗަށް ފަހު ލިވަޕޫލު ކޯޗު ބުންޏެވެ. ފަހަތުން އަރައި ތިން ފަހަރު ލީޑްސްއިން އެއްވަރުކުރި މެޗުން ލިވަޕޫލް ކުރި ހޯދީ ސަލާހުގެ ތިން ލަނޑާއެކު 4-3 ގެ ނަތީޖާއަކުންނެވެ.