ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓުކުރަން ފަށައިފި


ގްރޭޓަރ މާލޭ ސަރަހައްދުގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމް ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓުކުރަން ފަށައިފިއެވެ.

މާލޭ ސަރަހައްދުގައި 3 ތަނެއްގައި ޕީ.ސީ.އާރް ޓެސްޓް ކުރެވޭނެ އިންތިޒާމް މިހާރުވެސް ހަމަޖައްސާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓުކުރަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ މިހާރުގެ އަމާޒަކީ ދުވާލަކު 200 ސާމްޕަލް ޓެސްޓްކުރުމަށް ކަމަށާއި ވަސީލަތްތައް ލިބެމުންދާވަރަކުން ކުރިއަށް އޮތްތަނުގައި ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށެވެ. ޓެސްޓް ހެދުމުގެ ކަންކަމުގައި މިހާރު ހަރަކާތްތެރިވަނީ 7 މުވައްޒަފުންކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާ، މާލޭ ސަރަހައްދުގައި އެކްޓިވް ސަރވައިލަންސްގެ ކަންކަން ކުރިއަށްދާގޮތް ރިވައިޒްކޮށް، އެކްޓިވް ސަރވައިލަންސް ކުރާ ކެޓަގަރީތަކާއި، ޓެސްޓް ކުރެވޭ އަދަދުތަކަށް ވަރަށް އަވަހަށް ބަދަލުގެންނާނެކަމަށާއި އަދި މުޅި ރާއްޖެ ކަވަރކުރެވޭނެހެން ގައިޑްލައިނެއް ހަދައިގެން އެކްޓިވް ސަރވައިލަންސް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ޓެސްޓްހަދާ ތަންތަނުގެ ޢަދަދު 4އަށް އިތުރުވެފައިވާއިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭގައިވެސް ޕީ.ސީ.އާރް ޓެސްޓް ހެދުމަށް ބޭނުންވާ އިންތިޒާމް ހަމަޖައްސަ ދާދި އަވަހަށް ޓެސްޓް ހަދަން ފަށާނެކަމަށް އެޗްއީއޯސީންވަނީ ވިދާޅުވެފައެެވެ.

މިހާރު ކޯވިޑް-19އަށް ޓެސްޓްހެދޭ ރަށްރަށުގެ އިތުރުން ވަރަށް އަވަހަށް ށ. ފުނަދޫ، ޅ. ނައިފަރު، ގއ. ވިލިނގިލި، ފުވައްމުލައް ސިޓީގައި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.