ވިޔަފާރި

އޮންލައިންކޮށް ޙިދުމަތްހޯދާ ފަރާތްތައް އިތުރުވެއްޖެ- އިކޮނޮމިކް މިނިސްޓްރީ


އިކޮނޮމިކް މިނިސްޓްރީގެ ޙިދުމަތްތައް އޮންލައިންކޮށް ހޯދާ ފަރާތްތައް އިތުރުވެފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށްދޭ ގިނަ ޙިދުމަތްތައް މިހާރު ވަނީ އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެ މިނިސްޓްރީން ވިދާޅުވީ، ނިމިދިޔަ ހަފްތާގައި 348 ފަރާތަކަށް ޙިދުމަތްދީފައިވާކަމަށެވެ. މީގެތެރެއިން 200 މީހުންނަށް ޙިދުމަތްދީފައިވަނީ އޮންލައިންކޮށް ލިބުނު ރިކުއެސްޓްތަކަށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި 148 ފަރާތަކުން ޙިދުމަތް ހޯދާފައިވަނީ މިނިސްޓްރީއަށް ގޮސްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން އޮންލައިންކޮށް ފޯރުކޮށްދޭ ބައެއް ޙިދުމަތްތަކުގެ ތެރޭގައި ކުންފުނިތަކުގެ ނަން ފާސްކުރަން އެދުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރަން އެދުމާއި، ކުންފުނި ރަޖިސްޓްރީކުރަން އެދުމުގެ އިތުރުން ކުންފުންޏާބެހޭ އެކި ކަންތައްތައް ހިމެނެއެވެ.

އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް އޮންލައިންކޮށް އެކަންކަން ކުރެވޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. އެ މިނިސްޓްރީން ވިދާޅުވީ އޮންލައިންކޮށް މިކަންކަން ކުރެވޭނެ މަގު ފަހިވެފައިވުމުގެ ސަބަބުން ގިނަ ފަރާތްތަކަކުން އޮންލައިން ޙިދުމަތް އިޙްތިޔާރު ކުރާކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޙިދުމަތްތައް ކައުންޓަރު މެދުވެރިކޮށްވެސް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ލިބެން ހުންނާނެއެވެ. ނަމަވެސް އޮންލައިންކޮށް ލިބެންހުރި ޙިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ