ޚަބަރު

ގްރޭޓަރ މާލެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ


މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. މި ޕްރޮޖެކްޓާއެކު ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓުގެ ވިއުގައިގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

މާލެ-ހުޅުލެ-ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތަކީ ގްރޭޓަރ މާލެ ސަރަހައްދުގެ ހަކަތައިގެ ރައްކާތެެރިކަން އިތުރުކުރުމަަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. ފިޔަވަހިތަކަށް ކުރިއަށްގެންދާ މިމަޝްރޫޢުގައި މިހާރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ މާލެ ހުޅުމާލެ އަދި ހުޅުލޭގައި ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތެވެ.

މިޕްރޮޖެކްޓްގެ މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވި ކޯވިޑާއި ގުޅިގެން މަސައްކަތްތަކަށް މަޑުޖެހުމެއް އައިނަމަވެސް، މިހާރު އަނެއްކާވެސް ބާރު ސްޕީޑްގައި ހުއްޓުމެއްނެތި މަސައްކަތް ކުރިއަށްދާކަމަށެވެ. އޭނާ ވިދާޅުވީ ލަސްތަކެއް އައީ މި މަސައްކަތަށް ޗައިނާއިން އަންނަންޖެހޭ ފަންނީ ޓީމްތަކަށް ނާދެވިގެންކަމަށެވެ. ނަމަވެސް މިހާރު މިޓީމް މާލެ އައިސް، ކަރަންޓީން ފުރިހަމަކޮށް މަސައްކަތްތައް ފަށާފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އެއް އިންޖީނުގެއާއި އަނެއް އިންޖީނުގޭގެ ކަރަންޓު ވިއުގަ ގުޅާލާ ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތްކަމަށް މުޣުނީ ވިދާޅުވިއެވެ.

"މާލެ ހައުސްއަށް 2 ޓްރާންސްފޯރމާ ބެހެއްޓުމަށް ތައްޔާރުވެފައިމިވަނީ. އެއީ 95 އެމްވީއޭ. ހުޅުމާލޭގައިވެސް 95 އެމްވީއޭ އަދި ހުޅުލޭގައި 8 އެމްވީއޭ ޓްރާންސްފޯމަރ ބަހައްޓާނެ. ހުޅުލޭގައި ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތްވަނީ ނިމިފައި، މިހާރު ކުރިއަށްދަނީ މާލޭގެ މަސައްކަތް." ހަސަން މުޣުނީ ވިދާޅުވިއެވެ.

މި ވިއުގައިން 3 ރަށުގެ ކަރަންޓު ގުޅާލާނީ ބްރިޖާއި ހައިވޭ މެދުވެރިކޮށް އަޅާ އިންޓަރކަނެކްޝަން ކޭބަލްއަކުންނެވެ. އިންޓަރކަނެކްޝަން ކޭބަލްގެ މަސައްކަތްތައްވެސް މިހާރުވަނީ ފަށާފައެވެ. މި ކޭބަލްއަކީ 100މެގަވޮޓްގެ ކަރަންޓު ކެރީކުރެވޭ ނެޓްވޯކް ކޭބަލްއެކެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިންމަސްތެރޭގައި ނިންމާނެކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދެވޭނެއެވެ