ހޯނޑެއްދޫއިން ފެނުނު ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން، 111 މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ޓެސްޓުކުރުމަށް އިތުރު ގިނަ ސާމްޕަލްތަކެއް ހޯނޑެއްދޫއާއި އެރަށާއި ކޯޒްވޭއަކުން ގުޅާލާފައިވާ މަޑަވެލިންވެސް މާލެ ގެނެސްފައިވާކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ މިއަދު ޓެސްޓުކުރި 13 ސާމްޕަލް ނެގެޓިވްވެފައިވާކަމަށެވެ. އަދި އިތުރު 147 ސާމްޕަލް ޓެސްޓް ހެދުމަށް މާލެ ގެނެސްފައިވާކަމަށެވެ.
"ޓެސްޓް ހަދަން މާލެ ގެނައި ސާމްޕަލްތަކުގެތެރޭގައި 61 ސާމްޕަލް އެއީ މަޑަވެލިން އަދި 86 ސާމްޕަލް އެއީ ހޯނޑެއްދުއިން. ސާމްޕަލް އެބަ ނަގަން ކޮންޓެކްޓުންނާއި، އަލާމާތްތައް ހުންނަ މީހުންނާއި އަދި އެކްޓިވް ސަވައިލަންސްގެތެރެއިން ކެފޭ ރެސްޓޯރަންޓް، ޑްރައިވަރިން އަދި ހެލެތް ސެންޓަރުގެ މުޢައްޒަފުން ހިމެނޭ". ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވި މަޑަވެލިން ނެގި ސާމްޕަލްތަކުގެތެރެއިން 10 މީހެއްގެ ސާމަޕަލް ނަގާފައިވަނީ އަލާމާތްތައް ހުރެގެންކަމަށެވެ. އަދި މިހާރުވެސް އެ ދެރަށުން ސާމްޕަލްތަށް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޑރ.ނަޒްލާ ވަނީ ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންނާއި، އަލާމާތްތައް ހުރި މީހުންވެސް ވިހާވެސް އަވަހަށް އަންގައިގެން ޓެސްޓު ހެދުމަށް އިލްތިމާސްކުރައްވާފައެވެ.
ހޯޑެއްދުއާއި މަޑަވެލިވެސް މިހާރު ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް، ރަށަށް އަރާފޭބުން މަނާކޮށްފައެވެ. ޑރ.ނަޒްލާ ވިދާޅުވީ މި ޙާލަތުގައިވެސް ރަށަށް ބޭނުންވާ ޒަރޫރީ ކަންކަމާއި، ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތްތައް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ހެލްތް ސެންޓަރަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި، ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާކަމަށެވެ.
"އެސްޓީއޯއާއި ގުޅިގެން ކާޑާއި ގޭހާއި، މާސްކާއި، ސެނެޓައިޒަރއާއި ސިއްޙީ ސާމާނު ލިބޭނެ ގޮތްވަނީ ހަމަޖައްސާފައި. އަދި އިތުރު އެޙިއެއް ބޭނުންވިއަސް ކައުންސިލާއި ގުޅިގެން ސްޓޭންޑްބައިގަ ތިބީ ދިމާވެދާނެ ޙާލަތަކަށް." ޑރ.ނަޒްލާ ވިދާޅުވިއެވެ.
ހޯނޑެއްދޫގައި މިވަގުތު ކޯވިޑް-19 ޖެހިފައިވާ 25 މީހުން އެބަތިއްބެވެ. އަދި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 111 މީހުންވަނީ ފާހަގަވެފައެވެ. ޑރ.ނަޒްލާ ވިދާޅުވީ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ 60 މީހުންގެ ގައިން އަލާމާތްތައް ފެނިފައިވާކަމަށެވެ. ބަލިމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެތެރޭގައި 50 އަހަރުން މަތީގެ 6 މީހުންނާއި، 1 އަހަރުން ދަށުގެ 2 ކުދިންވެސް ހިމެނެއެވެ.
ސިއްޙީގޮތުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމެއްވެސް ވަނީ ހޯބޑެއްދުއަށް ގޮސްފައެވެ. އަދި އެރަށު ސިއްޙީ މަރުކަޒުވެސް މިވަގުތު ބޭނުންކުރަމުންދަނީ ފުލޫ ކްލިނިކް ޓްރައޭޖް ފެސިލިޓީއެއްގެ ގޮތުގައެވެ.