ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 8500 އަށްވުރެ މައްޗަށް އަރައިފިއެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް 98 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 87 މީހެކެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 98 މީހުންގެ ތެރެއިން 72 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަގްލަދޭޝްގެ 12 މީހަކާއި، އިންޑިއާގެ 4 މީހަކާއި، ޗައިނާގެ 5 މީހަކާއި، ނޭޕާލުގެ 2 މީހަކާއި، އިޓަލީ މީހަކާއި، ބްރެޒިލް މީހެއްގެ އިތުރުން ސްޕެއިންގެ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8584 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5405 މީހުންނަކީ ދިވެހިންނެވެ. އަދި 3189 މީހުންނަކީ ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 114 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5936 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 22 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 29 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2613 އަށް އަރާފައިވާއިރު، 1143 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 147 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1539 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 120,999 އެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 35 ރަށަކުންނާއި، 22 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 19 ފަތުރުވެރިއަކާއި، 47 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 98 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 89 ދިވެއްސަކާއި 9 ބިދޭސީންނެވެ. އަދި މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެއްޔެވެ.