ކުޅިވަރު

މެޗު ދިޔައީ ތައްޔާރުވި ގޮތަށް: ސަންޓޯސް


ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާގެ މައްޗަށް 4-1 އިން ކުރި ހޯދުނީ ތައްޔާރުވުންތައް ރަނގަޅުވުމުން ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.

ސަންޓޯސް ބުނީ ހަފްތާއެއްހާ ދުވަސް ކުރިން މެޗަށް ތައްޔާރުވާން ފަރިތަކުރުންތައް ފެށިކަމަށާއި ހުރިހާ ކަމެއް ނިމިގެންދިޔައީ ރޭވި ޕްލޭނާ އެއްގޮތަށް ކަމަށެވެ. އޭނާ ބުނީ މެޗުގައި ފެނިގެންދިޔައީ ކުޅުންތެރިން ޓީމެއްގެގޮތުގައި ތަމްރީނުތަކުގައި ކުރި ބުރަ މަސައްކަތްކަމަށެވެ. އޭނާ ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ސަތޭކަ ޕަސެންޓް ކުޅުން ފެނިގެން ދިޔަކަމަށެވެ.

މި ގުރޫޕްގައި ހަނި މޮޅެއް ހޯދި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ހުރިހާކަމެއް އެންމެ ރަނގަޅަށް ދާނެކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށެވެ. މެޗަށްފަހު ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ އޭނާ މަސައްކަތް ކުރަމުން އަންނީ އައު ސިސްޓަމަކަށް ޓީމު ލައްވާ ކުޅުވަން ކަމަށާއި، ޓީމުގެ ކުރިޔަށް ކުޅޭ ކުޅުންތެރިންނާ މެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ. މެޗުގައި ލަނޑު ޖަހަން އުނދަގޫވީ ސްވިޑަންއިން މެޗުގައި ކުޅުނު ގޮތުން ކަމަށް ދުނިޔޭގެ ޗެމްޕިއަންކަން ކުޅުންތެރިޔެއްގޮތުގައްޔާއި ކޯޗެއްގެ ގޮތުގައި ވެސް ހޯދި ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސް ހިމެނޭ ގްރޫޕްގައި އަންނަ އަންގާރަ ދުވަހުގެރޭ ޕޯޗުގަލް ނުކުންނާނީ ސްވިޑެންނާ ދެކޮޅަށެވެ. ފްރާންސް ނުކުންނާނީ ކްރޮއޭޝިޔާ އާއި ދެކޮޅަށެވެ.