ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ބޮސްނިއާ އެންޑް ހެޒޮގޮވޭނިޔާ ދެކޮޅަށް ނުކުންނައިރު މިފަހަރުގެ އަމާޒަކީ ނޭޝަންސް ލީގު ކާމިޔަބު ކުރުންކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ.
މަންޗީނީ ބުނީ މިފަހަރު ލީގު ކާމިޔާބު ކުރަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މުބާރާތުގެ ފައިނަލް އިޓަލީގަ ކުޅޭތީ ކަމަށެވެ. އޭނާ ބުނީ މުބާރާތް ކާމިޔާބު ކުރުމުގެ ފެންވަރު އިޓަލީގެ އެބަހުރި ކަމަށާއި ޔޫރޯ ކޮލިފައިންގެ ނަތިޖާއިން އެކަން ސާބިތުވާނެ ކަމަށެވެ. އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތައް ކޮލިފައިވެފައިވަނީ ސައްތައިންސައްތަ ރެކޯޑަކާއެކުއެވެ. އިޓަލީ ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗު ކާމިޔާބުކޮށްފައެވެ.
މަންޗީނީ ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި އިޓަލީ ޓީމު ކުރިއެރުންތަކެއް ހޯދައިފި ކަމަށެވެ. އޭނާ ބުނީ މިރޭ މެޗުގައި މީގެ ދިހަ މަސް ކުރިން ޔޫރޯ ކޮލިފައިންގައި ޓީމުން ދެއްކިފަދަ ކުޅުމެއް ދައްކާނެކަމަށް އުއްމީދު ކުރާކަމަށެވެ. މަންޗީނީ ބުނީ ރަނގަޅު ބިންގަލެއްގެ މަތީގައި ރަނގަޅު ޓީމެއް ބިނާ ކުރެވިއްޖެކަމަށާއި ދެން އޮތީ ނަތީޖާ ނެރުންކަމަށެވެ.
މަންޗީނީ ބުނީ ކުރިޔަށް އޮތް ދެމެޗަކީ ތަފާތު ދެމެޗު ކަމަށާއި ބޭނުންވަނީ މިމެޗުތަކުން މޮޅުވެގެން ނެދަލޭންޑްސްއާ ވާދަކުރަންކަމަށެވެ. އަދި ޓީމު ކުރިއެރުން ހޯދުމަށް ކޮންމެ ދުވަހަކުވެސް ހުއްޓާނުލާ މަސައްކަތް ކުރަމުންދާކަން މަންޗީނީ ފާހަގަކުރިއެވެ. މި ދެޓީމު އެންމެ ފަހުން ޔޫރޯ ކޮލިފައިންގައި ވާދަކުރި މެޗު 3-0 އިން ކާމިޔާބުކުރީ އިޓަލީއެވެ.