ކޯވިޑް-19

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 141 މީހުން، ބަލިން ރަނގަޅުވީ 145 މީހުން


މިއަދުވެސް 100 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 8281 އަށް އަރައިފިއެވެ.

ބުދަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 134 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 141 މީހުންގެ ތެރޭގައި 98 ދިވެހީންނާއި، 43 ބިދޭސީން ހިމެނެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8281 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5161 މީހުންނަކީ ދިވެހިންނެވެ. އަދި 3130 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 145 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5483 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 22 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 29 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2763 އަށް އަރާފައިވާއިރު، 1304 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 157 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1337 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 117،064 އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 39 ރަށަކުންނާއި، 20 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 16 ފަތުރުވެރިއަކާއި، 45 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 88 ދިވެއްސަކަށާއި، 7 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ށ.ފީވަށް އެކަންޏެވެ.