ފްރަންޓްލައިން އެލަވަންސް ދޭންޖެހޭ ފަރާތްތަކުގެ ތެރެއިން ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މިހާތަނަށް އެލަވަންސް ނުދެވިވަނީ ސިފައިންނާއި ފުލުހުންނަށް އެކަނިކަމަށް ފިނޭނެސް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ފްރަންޓް ލައިން އެލަވަންސާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ނޫސްވެރިންނަން މަޢުލޫމާތުދެއްވާފައެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދިނުމަށް ނިންމާފައިވަނީ، ރާއްޖެއިން ކޯވިޑް-19ގެ ބަލި މީހަކު އެންމެ ފުރަތަމަ ފެނުނު ދުވަސް ކަމުގައިވާ މަރޗް 7 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19އާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އެލަވަންސް ދިނުމުގެ އުސޫލު ކަނޑައަޅާފައިވަނީ ހައި ރިސްކް، މީޑިއަމް ރިސްކް އަދި ލޯރިސްކް ކެޓަގަރީއަށް ބަހާލައިގެންނެވެ. މި އުސޫލު ކަނޑައަޅާ މިކަމާގުޅޭ މަސައްކަތްތައް ކުރިއަށްގެންދަނީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ރައީސް އޮފީހާއި މިނިސްޓްރީ އޮފް ހެލްތާއި ފިނޭންސް ގުޅިގެންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ޝަރުވަސް އަދާމް ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން މަސައްކަތްކުރަނީ މަރޗް 7 އިން ފެށިގެން ޖުލައި 15 އާއި ހަމައަށް ދޭންޖެހޭ އެލަވަންސްތައް ދިނުމަށްކަމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުން ފިވައި ހުރިހާ މުއައްސަސާތަކަށް ދޭންޖެހޭ އެލަވަންސްތައް ދިނުމުގެ މަސައްކަތް ނިމިފައިވާކަމަށް ޝަރުވަސް ވިދާޅުވިއެވެ.
"މިހާތަނަށް 33.2 މިލިއަން ރުފިޔާ 2948 މީހުނަށްވަނީ ދޫކޮށްފައި. އަދި 3 ލައްކަ ރުފިޔާގެ ޕޭމަންޓެއްވެސް މިހާރު ރެޑީވެފައި އެބައިން." ޝަރުވަސް ވިދާޅުވިއެވެ.
މިހާތަނަށް އެލަވަން ދޫނުކުރެވިވަނީ ސިފައިންނާއި ފުލުހުންނަށް އެކަނިކަން ފާހަގަކުރައްވައި ޝަރުވަސް ވިދާޅުވީ މި މުޢައްސަސާތަކަށް އެލަވަންސް ދޫނުކުރެވިވަނީ މިކަމާއި ގުޅިގެން އެ މުއައްސަސާތަކުން އުސޫލަށް ގެންނަ ބައެއް ބަދަލުތަކާއި ގުޅިގެންނެވެ. އެ މުއައްސަސާތަކުން ގެނައި ބަދަލުތަށް ރައީސް އޮފީހުން އެންޑޮސްކުރުމުން، ވީހާވެސް އަވަހަށް ފިނޭނެސްއިން ފައިސާ ދޫކުރާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
"3017 ފުލުހުންނާއި، ޑިފެންސްގެ 3246 މީހުން އެބަތިބި. އަންދާޒާމިކުރަނީ މި ދެ މުއައްސަސާއަށް 80 މިލިއަން ރުފިޔާ ހޭދަވާނެކަމަށް. ނަމަވެސް އަލުން އެ ގެންނަ ބަދަލުގައި މީހުންގެ އަދަދުތަކަށް ބަދަލުއައުން އެކަށީގެންވޭ." ފިނޭންސް މިނިސްޓްރީއިން ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީއިން ވިދާޅުވީ ފުރަތަމަ އެލަވަންސްތައް ދޫކުރުމުގައި ލަސްތަކެއް ހުރީ، މިކަމަކީ ވަކި އުސޫލެއް އެކުލަވާލައި ވަކި ސިސްޓަމެއްގެދަށުން ކުރަންޖެހޭ ކަމަކަށްވާތީ ސިސްޓަމް އެކުލަވާލުމުގެ މަސައްކަތްކުރުމަށްކަމަށެވެ. އަދި ސިސްޓަމް އެކުލަވާލައި، އެލަވަންސް ލިބޭ ފަރާތްތައް ކަނޑައަޅަނީ އެ މުއްސަސާއަކުންކަމަށާއި، އެމީހުންނާއި ގުޅޭ މަޢުލޫމާތުވެސް ސިސްޓަމަށް އަޅަމުންދާނީ އެމުއްސަސާއަކުން ކަނޑައަޅާފައިވާ ސުޕަވައިޒަރުންކަމަށްވެސް ޝަރުވަސް ވިދާޅުވިއެވެ.
ޖުލައި 15ގެ ކުރީގެ އެލަވަންސްތައް 3 ފަހަރެއްގެއް މަތިން ދޫކޮށްފައިވާއިރު، ދެން އެލަވަންސްތައް ދެމުންގެންދާނީ ރޫޓިންގ އުސޫލުންކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.
އެލަވަންސްދެނީ ހައިރިސް ކެޓަގަރީއަށް ދުވާލަކަށް 500ރުފިޔާ، މިޑިއަމް ރިސްކް ކެޓަގަރީއަށް ދުވާލަކަށް 250ރުފިޔާ އަދި ލޯ ރިސްކް ކެޓަގަރީއަށް ދުވާލަކަށް 200ރުފިޔާއެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި ހިމެނޭނެ މީހުން ފިނޭސްއިންވަނީ ކަނޑައަޅާފައެވެ..