ޚަބަރު

ޢަލީ ވަހީދުގެ މައްސަލަ ނިމި ދައުވާކުރަން ފޮނުވަނީ


ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން މަޤާމުން ވަކިކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލައިގެ ތަހްޤިޤު ނިމި ވަރަށް އަވަހަށް ދައުވާކުރަން ފޮނުއްވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ކުރީގެ މިނިސްޓަރ ޢަލީވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށެވެ. ނަމަވެސް އެމައްސަލަ މިހާރު ނިމުމަކާ ގާތްވެފައިވާކަމަށާއި، ދައުވާކުރުމަށް ފޮނުވުމުގެ ކުރިން ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރެވެމުންދާކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ. އަދި މާލަސްތަކެއްނުވެ ޢަލީވަޙީދުގެ މައްސަލާގައި ތުހުމަތޖކުރެވޭ ކަންކަމާއި ގުޅޭގޮތުން ދައުވާކުރުމަށް ފޮނުވޭނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

"އެމައްސަލާގައި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިނުވާތީވެ އަޅުގަނޑުމެންނަށް ވަކި ބައިންޑިންގ ޓައިމް ފްރޭމެއް ތައިމް ޕީރިއަޑެއް ނުއެއް އޮންނާނެ. އެހެންނަމަވެސް ތަޙްޤީޤް ވަރަށް ބޮޑަށް ކުރެވި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަންއާއެކު މަޝްވަރާތަކެއް ކުރެވެމުންދާކަމުގެ ވާހަކަތަކެއް އަޅުގަނޑަށް އެނގިފައޮތީ. އޭގެމާނައަކީ ޕްރޮސެކިއުޝަންއަށް ވެއްދުމަށް ވަރަށް ގާތްވެފައިއޮތީ މިހާރު." ސީޕީ ޙަމީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.