ވިޔަފާރި

އެންމެ ގިނަ މީހުން ޒިޔާރަތްކުރަން ބޭނުންވަނީ ރާއްޖެއަށް


އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަން ބޭނުންވަނީ ރާއްޖެއަށްކަމަށް ޤަތަރު އެއަރވޭސްއިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

ޤަތަރުގެ ޤައުމީ އެއަރލައިން ޤަތަރު އެއަރވޭސްއަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިންނެވެ.

ޤަތަރު އެއަރވޭސްއިން ކުރިއަށްގެންދިޔަ ސަރވޭގައި ސުވާލުކޮށްފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށް ދިއުމުގެ ފުރުސަތު ލިބިއްޖެނަމަ އިޙްތިޔާރުކުރާނީ ކޮން މަންޒިލެއްތޯއެވެ. މި ސަރވޭގައި ރާއްޖޭގެ އިތުރުން ރާއްޖެއާ އެއްގޮތް 2 މަންޒިލެއް ވަނީ ހިމަނާފައެވެ. އެއީ ޓެންޒޭނިޔާގެ ރަށެއްކަމުގައިވާ ޒަންޒިބަރއާއި ތުރުކީގެ ސިޓީއެއްކަމަށްވާ ބޮޑްރަމްއެވެ.

ޤަތަރު އެއަރވޭސްއިން ކުރިއަށްގެންދިޔަ މި ސަރވޭގައި ތިން ހާހަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން 73.1 އިންސައްތަ މީހުން އިޙްތިޔާރުކޮށްފައި ވަނީ ރާއްޖެއެވެ. 14.4 އިންސައްތަ މީހުން ޒަންޒިބަރއަށް ޒިޔާރަތްކުރަން ބޭނުންވާކަމަށް ބުނެފައިވާއިރު ބޮޑްރަމް އިހްތިޔާރުކޮށްފައިވަނީ 12.4 އިންސައްތަ މީހުންނެވެ.

ޤަތަރު އެއަރވޭސްއިން ކުރިއަށްގެންދިޔަ ސަރވޭ

ޤަތަރު އެއަރވޭސް ފާހަގަކުރެވެނީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާ އެއަރލައިނެއްގެ ގޮތުގައެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ދަތުރުކޮށްފައިވަނީވެސް ޤަތަރު އެއަރވޭސްގެ ފްލައިޓުތަކުގައިކަމަށް އެމްއޭސީއެލުން ބުނެއެވެ.

ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ދޯހާއަކީ ޓްރާންސިޓު ހަބަކަށްވުމުން ދޯހާއިން ރާއްޖެއަށް އަންނަ ޤަތަރު އެއަރވޭސްގެ ފްލައިޓުގައި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އާދެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޤަތަރު އެއަރވޭސްއަކީ ރާއްޖެއަށް އެންމެ ގިނައިން އުދުހުންތައް ބާއްވަމުން އަންނަ އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނެކެވެ. އެ އެއަރލައިނުން އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު 3 ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބާއްވައެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއަރލައިނުގެ ތެރޭގައި ހިމެނޭ ޤަތަރު އެއަރވޭސްއިން ބުނާގޮތުގައި ދިވެހިރާއްޖެއަކީ އެ އެއަރލައިނަށް ވަރަށް މުހިއްމު މާކެޓެކެވެ.