ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ހ. ލޮބީ ހުސެއިން ހުމާމް މެރުމަށް ކުރިމިނަލްކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދްކޮށްފިއެވެ. ދަށުކޯޓްގެ ނިންމުމަށް ހައިކޯޓުން ތާއިދްކޮށްފައިމިވަނީ ކުރިމިނަލްކޯޓުން ކުރި ހުކުމް ރަގަޅުނޫންކަމަށް ބުނެ ހުމާމް އިސްތިއުނާފްކުރި މައްސަލަ ނިންމާ މިއަދު އިއްވި ހުކުމްގައެވެ. ކުރިމިނަލްކޯޓްގައި މައްސަލަ ހިގަމުންދިޔަ އިރު ހުސެއިން ހުމާމް ފުރަތަމަ ވަނީ ޑރ އަފްރާޝިމް މަރާލިކަމަށް އިއުތިރާފްވެ އެކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލްކޮށް ކިޔާދީފައެވެ. އެހެންނަމަވެސް ފަހުން އެނާ ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން ބިރު ދައްކައިގެންކަމަށް ބުނެ އަފްރާޝިމް މަރާލިކަމަށް ބުނި ބުނުމަށް އިންކާރުކޮށްފައެވެ.ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ހުމާމަށް ފުލުހުން ބިރު ދެއްކިކަމަށް ބުނެފައިވާއިރު އެކަން އޭނާއަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާކަމަށެވެ. އަދި ފަނޑިޔާރެއްގެ ކުރިމަތީގައި ދެފަހަރެއްގެ މަތިން ކުށަށް އެއްބަސްވެފައިވާއިރު އޭގެން އެއްފަހަރުވެސް ފުލުހުން ބިރު ދެއްކި ވާހަކަ ހުމާމް ބުނެފައިނުވާކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.ދަށުކޯޓްގައި ހުމާމް ކުށަށް އިއުތިރާފްވެފައިވާއިރު އެ އިއުތިރާފް އަނބުރާ ގެނެވެނޭ އެއްވެސް ސަބަބެއް ހުމާމްގެ ފަރާތުން ދެއްކިފައި ނުވާކަމަށާއި އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށްފަހު އެ ބަސް އަނބުރާ ނުގެންދެވޭނެކަށް އިސްލާމީ ބޮޑެތި އިލްމެވެރިން ވިދާޅުވާކަންވެސް ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. ދަށުކޯޓުން މައްސަލަ ނިންމުމުގައި ބަލާފައިވަނީ ހަމައެކަނި ހުމާމްގެ އިއުތިރާފަށް ނޫންކަމަށާއި އެނާއާއި ދެކޮޅަށް ހުށައެޅުނު ހެއްކާ ގަރިނާތަކަށްވެސް ދަށުކޯޓުން ރިއާޔަތްކޮށްފައިވާކަން ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. މި ގޮތުން ކުށަށް އިއުތިރާފްވެ ކޯޓްގައި ހުމާމް ދެއްކި ވާހަކަތަކާއި ހެކިބަސް ދިން ހެކިން ދެއްކި ވާހަކަތަކުގައި އެއްގޮތް ގިނަ ކަންތައްތައް ހުރިކަންވެސް ހައިކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ ނިންމި މައްސަލާގައި ބުނެފައިވަނީ، އިސްލާމީ ޝަރީއަތުގައި މީހަކު މެރިކަން މީހެއްގެ މައްޗަށް ސާބިތުކުރަންޖެހޭ ހުރިހާ ރުކުނެއް ހުމާމްގެ މައްސަލަގައި ހަމަވާކަން ފަނޑިޔާރުން އިއްތިފާޤުވާ ކަމަށެވެ. މަރުގެ އަދަބު ތަންފީޒްކުރުމަށް އަލަށް އެކުލަވާލާފައިވާ ގަވައިދެ ބުނާގޮތުން މީހެއްގެ މައްޗަށް އެ ހުކުމް ތަމްފީޒްކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރްހަލާއެއް ނިމުމުންނެވެ. ހުމާމްގެ މައްސަލާގައި ދަށުކޯޓްގެ ހުކުމަށް ހައިކޯޓުން މިއަދު ތާއިދްކޮށްފައިވާއިރު އެ ހުކުމް ސުޕްރީމްކޯޓްގައި އިސްތިއުނާފްކުރުމަށް ފަސްދޮޅަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.