ޚަބަރު

އަލިފާނުގެ ޙާދިސާގައި ޙާލުގައިޖެހުނު މީހުންނަށް އިތުރު 3 މަސްދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމައިފި


ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ޙާދިސާގައި ގެއްލުންވި އާއިލާތަކަށް ދައުލަތުން ފޯރުކޮށްދޭ ވަގުތީ ބޯހިޔާވާހިކަން އިތުރު ތިން މަސްދުވަހުގެ މުއްދަތަކަށް ފޯރުކޮށްދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހެންވޭރު ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އެސަރަޙައްދުގައި ހުރި ބައެއް ގެތަކެއްގައި މީހުން ނޫޅެވޭވެރަށް އަނދާހުލިވެފައެވެ. މިޙާދިސާގައި ޙާލުގައި ޖެހުނު އާއިލާތަކަށް ދައުލަތުން ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިޙާދިސާގައި ގެއްލުންވި ހަތް ގޭބީސީއެއްގެ 29 މީހަކަށް ގާކޮށި ފްލެޓުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރެއިން ގިނަ ޢާއިލާތައް އުޅޭމުން އައީ ގާކޮށި ފްލެޓްގައެވެ. އަދި އެއާއިލާތަކަށް ދައުލަތުން ފޯރުކޮށްދެމުން އައި ވަގުތީ ބޯހިޔާވަހިކަމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވުމާއި ގުޅިގެން އެތަންތަނުން ނިކުތުމަށް އެއާއިލާތަކަށް ވަނީ ނޯޓިސް ދީފައެވެ. އޭގެ ތެރެއިން ގިނަ ޢާއިލާތައް ވަގުތީ ހިޔާތަކުން ވަނީ ނިކުމެފައެވެ.

މިކަމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ، ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއޮތޯރިޓީން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވިކަމުގައި ވީޔަސް، މިހާރުގެ ހާލަތަށް ބަލައި އެމުއްދަތު ސަރުކާރުން އިތުރު ތިން މަސްދުވަހަށް މިހާރު އިތުރުކޮށްދެއްވާފައިވާކަމަށެވެ.

ތިލަފުށީ ގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން އާއިލާތަކުގެ ދާއިމީ ބާހިޔާވަހިކަމެއް ހޮދުމަށް އެންޑީއެމްއޭއިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން ބައެއް ގޭބިސީތަކުގެ ޢާއިލާތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ. އަދި އަށްލައްއާއި ތިންލައްކައާއި ދެމެދުގެ ޢަދަދުތަކުންވެސް މާލީ އެހީތެރިަން ފޯރުކޮށްދީފައިވެއެވެ.

ހ ތިލަފުށި ގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތް ސަތޭކަ އައްޑިހަ ހަ މީހަކަށް އަސަރުކޮށްފައިވެއެވެ. ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށީ ގޭގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގުދަނާއި އިންވެގެން ހުރި ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ޙާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ.