ރާއްޖޭގައި
ދީނީ ތަޤްރީރުކުރުމާއި ދީނީދަރުސްދެވޭނީ ހަމައެކަނީ އިސްލާމިކް މިނިސްޓްރީން ލިޔުމުން
ހުއްދަދީފައިވާ ފަރާތްތަކަށް އެކަނިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް
މިނިސްޓްރީން ބުނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ
ޤާނޫނުގެ ދަށުން ރާއްޖޭގައި ދީނީ ތަޤްރީރުކޮށް ދީނީ ނަސޭހަތްދެވޭނީ އިސްލާމިކް
މިނިސްޓްރީގެ ހުއްދަ ލިއުމަކުން ލިބިގެންކަމަށް ކަނޑައަޅާފައި އޮތްނަމަވެސް
މިހާރަކަށް އައިސް އިސްލާމިކް މިނިސްޓްރީން ދޫކުރާ ހުއްދަ ނެތި ބައެއް
ފަރާތްތަކުން ދީނީ ތަޤްރީރުކޮށް ދަރުސްދީ އަދި ޚުޠުބާކިޔުން ފަދަ ކަންކަން ކުރަމުންދާކަން
ފާހަގަކުރެވޭކަމަށެވެ.
ރާއްޖޭގައި
ދީނީ ތަޤްރީރުކުރުމާއި، ދީނީ ދަރުސްދިނުމަށް އިސްލާމިކް މިނިސްޓްރީން މިހާތަނަށް
ތިންސަތޭކައެއްހާ ފަރާތައް ހުއްދަ ދޫކޮށްފައިވާކަމަށާއި އެފަރާތްތަކަށް
ހުއްދަ ދޫކޮށްފައިވަނީވެސް ދީނީ ތަޤްރީރުކުރުމުގައި ސަމާލުކަންދޭންޖެހޭ
ކަންތައްތަކެއް ހިމެނޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަމަށް އެ
މިނިސްޓްރީން މައުލޫމާތުދެއެވެ. މިގޮތުން ދީނީ ތަޤްރީރުކުރާއިރު ރާއްޖޭގެ ދީނީ
އެއްބައިވަންތަކަން ހިމާޔާތްކުރުމަށް މަސައްކަތްކުރުމަށް ބާރުއެޅުމާއެކު، ދީނީ
ގޮތުން ވަކި ފިކުރެއް ޕްރޮމޯޓްކުރެވޭގޮތަށް ތަޤްރީރުނުކުރުންފަދަ ކަންކަން
ޝަރުޠުކޮށްފައިވާނެކަމަށް އެމިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ
ދީނީ ތަޤްރީރުކުރުމާ ދަރުސްދިނުމުގެ ހުއްދަ ނަގަންބޭނުންވާ ފަރާތްތަކަށް
މިހާރުވެސް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ
ހުއްދަ ދޫކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.