ޚަބަރު

ކޯވިޑް-19 : ފެސިލިޓީތަކުގައި މަސައްކަތްކުރުމަށް ރަށްރަށުން ސިއްޙީ އެހީތެރިން ގެންނަނީ


މާލެ ސަރަހައްދުގައި ހުރި ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީތަކަށް އަތޮޅުތަކުން ސިއްޙީ އެހީތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ ބަލި މީހުން އެންމެ ބޮޑަށް އިތުރުވަމުންދަނީ މާލޭ ސަރަޙައްދުގައިކަމުން، މި ސަރަޙައްދަށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރަންޖެހިފައިވާކަމަށެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތްކުރާ ގިނަ ސިއްޙީ އެހީތެރިން މިހާރުވެސް ކޯވިޑް-19ގެ ފަރުވާގެ ކަންކަމުގައި ހަރަކާތެރިވަމުން އަންނައިރު، އޭގެ ތެރެއިން ގިނަ ބަޔަކު މިހާރުވެސް ދަނީ ކޯވިޑް-19އަށް ޕޮޒިޓިވްވަމުންނެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުން ގިނަވެ، މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިމަހު ދެގުނައަށް އިރުރުވެފައިވާއިރު، މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތް ނެތުމުގެ ދަތިކަމެވެ. ޑރ.ޝަހީދު ވިދާޅުވީ އަތޮޅުތަކުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންގެ އިތުރަށް ރާއްޖެއިން ބޭރުން ސިއްޙީ އެހީތެރިން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

"ރީޖަނަލް ފެސިލިޓީތަކުގައި މިވަގުތު ބަލި މީހުންނެ ނެތް. އެހެންވީމައި އަތޮޅުތަކުން އެބަ ގްރޭޓަރ މާލެ އޭރިއާ ފެސިލިޓީތަކަށް ސިއްޙީ އެހީތެރިން ގެނެވޭ. ދެން ރާއްޖެއިން ބޭރުން އެހީތެރިން ގެނައުމަށްވެސް މަސައްކަތްކުރަން. ނަމަވެސް އިންޑިއާފަދަ ޤައުމުތަކުގައިވެސް ބަލީގެ ޙާލަތު ގޯސްވީމައި ލިބުން ދަތި." ޝަހީދު ވިދާޅުވިއެވެ.

ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ ބަލި ކޮންޓްރޯލް ނުވެ އިތުރުވަމުންދާނަމަ ކޯވިޑް-19 ނޫން ބަލިތަކަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންވެސް، ކޯވިޑް-19އަށް ފަރުވާދިނުމަށް ގެންނަންޖެހޭ ޙާލަތަށް ދާނެކަމަށް ޑރ.ޝަހީދުވަނީ ވިދާޅުވެފައެވެ. ދިގުމުއްދަތަކަށް މެދުނުކެނޑި މަސައްކަތްކުރަންޖެހުމުގެ ސަބަބުން މާލޭ ފެސިލިޓީތަކުގައި މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް އުނގަގޫ ވަގުތަކާއި ކުރިމަތިވެފައިވާކަމަށް އެޗްއީއޯސީން ވަނީ ފާހަގަކުރައްވާފައެވެ.

ހެލްތް މިނިސްޓްރީއިން މިހާރުވަނީ އިތުރު ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ސިއްހީ އެހީތެރިން ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ކުރިއަށްއޮތް ދުވަސްތަކުގައި މި އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭތީ ޑޮކްޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.