ޚަބަރު

ކޯވިޑް-19 : ނުރައްކާ ކުޑައެއްނޫން، ގިނަ އަދަދެއްގެ ސިއްޙީ އެހީތެރިންވެސް ވަނީ ޕޮޒިޓިވްވެފައި


ފްރަންޓްލައިންގައި މަސައްކަތްކުރާ 121ހަށްވުރެ ގިނަ ސިއްޙީ އެހީތެރިން ކޯވިޑް19އަށް ޕޮސިޓިވްފެއިވާކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ގްރޫޕްގެފަރާތުން ވާހަކަދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ ފެސިލިޓީތަކުގައި ސިއްޙީ އެހީތެރިންގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ދިގުމުއްދަތަކަށް ކެނޑިނޭޅި މަސައްކަތަށް ނިކުންނަންޖެހުމުން އެކަމުގެ ދަތިކަން ކުރިމަތިވެފައިވާއިރު، މިދާއިރާގައި މަސައްކަތްކުރާ މީހުން ރާއްޖޭގައި މަދުކަންވެސް ޑރ.މޫސާ މުރާދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކޯވިޑް ފެސިލިޓީތަކުގައި މަސައްކަތްކުރާ މީހުންނާއި މި ބައްޔާ ގުޅުންހުރި އެކި ކަންކަމުގައި ޙަރަކާތްތެރިވާ ސިއްޙީ އެހީތެރިން ބައްޔަށް ޕޮސިޓިވްވަމުންދާކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ. އަދި މިގޮތަށް ގިނަ ބަޔަކު ޕޮސިޓިވްވާނަމަ ބަލިމީހުންނަށް ފަރުވާދިނުމުގައިވެސް އިތުރު ދަތިތަކާއި ކުރިމަތިލާންޖެހޭނެކަން ޑރ.މޫސާ މުރާދު ވަނީ ފާހަގަކުރައްވާފައެވެ.

"ޕްރަންޓްލައިންގައި މަސައްކަތްކުރާ 121މީހުން މިހާތަނަށްވެސް ޕޮސިޓިވްވެފައިވޭ. ޕޮސިޓީވްވަންޏާ އަނެއްކާ އިތުރު ބަޔަކު މަސައްކަތަށް ނެރެން އެބަ ހޯދަންޖެހޭ. އެންމަހުން ދެމަހުންނެއް އިންސާނީ ވަސިލަތެއް ނުޙޯދޭނެ." ޑރ.މުރާދު ވިދާޅުވިއެވެ.

ޑރ.މުރާދު ވިދާޅުވީ ވެންޓިލޭޓަރުގައި ފަރުވާދޭ ކޮންމެ މީހަކަށް ފަރުވާ ދިނުމަށް ޑޮކްޓަރަކާއި 2 ނަރުހުން ބޭނުންވާކަމަށެވެ. މިވަގުތުވެސް ވެންޓިލޭޓަރުގައި ބައެއް ބަލި މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. ޑރ.މުރާދު ވިދާޅުވީ ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރަނީ ވަކި ތަމްރީންތަކެއް ލިބިފައިވާ މީހުންކަމަށެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ފެސިލިޓީތަކުގައިވެސް ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ފަށާފައިވާއިރު، ބަލިޖެހޭ މީހުން އިތުރުވާނަމަ ވަސީލަތައް ހުރިނަމަވެސް އިންސާނީ ވަސީލަތުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާނެކަން ޑރ.މޫސާ މުރާދު ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއުމާއެކު އެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ދަނީ ފާޅުކުރަމުންނެވެ.