ހިޔާ މަޝްރޫގެ ފުލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދިނުމުގައި ކުރީ ސަރުކާރުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމުގައި ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމީޓީން ވިދާޅުވެއްޖެއެވެ.
އެކޮމިޓީން ވަނީ، ކުރީ ސަރުކާރުން ފުލެޓްތައް ލިބޭނެ ކަމަށް ބުނެ ލިޔުން ދޫކުރުމުގައި ފާހަގަކުރެވުނު ބޮޑެތި މައްސަލަތައް ނޫސްވެރިންނާ ހިއްސާކޮށްފައެވެ.
އެކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުޙައްމަދު ވިދާޅުވީ، ފްލެޓްތައް ލިބޭނެކަމަށް ބުނެ ކުރީ ސަރުކާރުން ލިޔުން ދިން އިރު، އެންމެ ބޮޑު މައްސަލައަަކަށް، ފާހަގަކުރެވިފައިވާ އެއްކަމަކީ، ދިރިއުޅުމުގެ ހާލަތަށް ނުބަލައި ޕޮއިންޓް ދީފައިވުން ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ބަލައި ޕޮއިންޓް ދޭނެ ގޮތެއްވެސް ކަނޑައަޅާފައިވެސް ނުވާކަމަށް ޠާހާ ވިދާޅުވިއެވެ.
ޠާހާ ވިދާޅުވީ، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވަނީ، ފޯމު ހުށައެޅިއިރު، ހުށައަޅާފައިވާ ބަޔާނަށް ބަލައިގެން ކަމުގައި، އޭރު އެމަސައްކަތުގައި އުޅުއްވި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން މައުލޫމާތު ދިން ނަމަވެސް، ދިރިއުޅުމުގެ ހާލަތާއި ގުޅޭ ބަޔާނެއް ހުށައަޅާފައި ނުވާ ފަރާތްތަކަށްވެސް ފުލް މާކްސް ދީފައި ވާކަމަށެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ފުލެޓް ލިބޭނެ ކަމުގެ ލިޔުންދިން ފަރާތްތަކުގެ ތެރޭގައި، މާލޭގައި 600 އަކަފޫޓަށްވުރެ ބޮޑެތި ބިންތައް ހުރި މީހުންނަށާއި، ހުޅުމާލެ އަމީން އެވެނިއު އާއި އެހެން ބައެއް ތަންތަނުން އަމިއްލަ ފްލެޓް ގަނެފައިވާ ފަރާތްތައް ހިމެނޭ ކަމުގައި ޠާހާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއްކަމަކީ ބިންވެރިކަން އެއްވެސް ވަރަކަށް ކަށަވަރު ކުރެވިފައި ނުވާކަން. އެގޮތުން މާލޭގައި އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑެތި ބިން ހުރި ފަރާތްތަކުގެ ނަންވެސް އެބަހުރި ލިސްޓުގައި ހިމެނިފައި، ދެން ހަމަ އަޅުގަނޑު ފާހަގަކޮށްލަން އަމީން އެވެނިއު، ޕްލެޓިނަމް ރެސިޑެންސް ފަދަ ތަންތާނގައި 1000 އަކަފޫޓަށްވުރެ ބޮޑެތި ފުލެޓް ލިބުނު ކަމުގެ ލިސްޓުގައި ހިމެނިފައި." ޠާހާ ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިންގެ ގޮތުގައި ދޮންދަރިންވެސް ހިމަނައިގެން ޕޮއިންޓް ދީފައިވާކަމަށާއި އެކަމާއި ގުޅިގެން، އެކަންކަން ކަށަވަރު ކުރުމަށް ޑީއެންއާރް މެދުވެރިކޮށް، އުފަންދުވަހުގެ ސެޓްފިކެޓްތައްވެސް ހޯދައި ބަލަން ޖެހުނުކަމުގައި، ތޯހާ ވިދާޅުވިއެވެ. މިގޮތުން މިމައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ މާލޭ ރަށްވެހިންގެ ކެޓަގަރީން ކަމުގައިވެސް ތޯހާ ވިދާޅުވިއެވެ.
ޠާހާ ވިދާޅުވީ، މާލޭ ރަށްވެހިންގެ ކެޓަގަރީގައި 3 ދަރިންނަށްވުރެ ގިނައިން ތިބިނަމަ އެބައިން 50 މާކްސް ލިބޭގޮތަށް އޮންނަނަ ކަމަށެވެ.
" މީގައި އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އަޅުގަނޑުމެން ބެލި ބެލުމުން، ކުރީ ސަރުކާރުން ޕޮއިންޓް ދިން އިރު، 120 އެޕްލިކަންޓުންގެ 3 ދަރިން ކަމަށް، ފުލް މާކްސް ދީފައި އޮތް އިރު، އަޅުގަނޑުމެން، ބެލީމާ އެނގުނީ، ދެދަރިންކަން ތިބެނީ." ޠާހާ ވިދާޅުވިއެވެ.
މީގެ އިތުރުން ޠާހާ ވިދާޅުވީ، ފާހަގަ ކުރެވުނު މައްސަލަތަކުގެ ތެރޭގައި، ފޯމު ހުށަހެޅި ދުވަހު ދަފްތަރުގައި ރެޖިސްޓްރީވި ފަރާތްތަކަށްވެސް ދަފްތަރު ކެޓަގަރީއިން ފުލެޓް ދީފައި ވާއިިރު، އެތައްއަހަރަކު ދަފްތަރު ރެޖިސްޓްރީގައި ޖެހި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށްވުރެ މަތިން، މާލޭގައި ދިގު މުއްދަތެއްގައި ދިރިއުޅުނު ކަމަށް ބުނެ ހެކިވެރިން ހުށައެޅި ފަރާތްތަކަށް ފުލެޓް ދީފައި ވުންވެސް ފާހަގަކުރެވޭ ކަމަށެވެ.
1. ކޮންމެ ކެޓެގަރީއަކުންވެސް ދިރިއުޅުމުގެ ޙާލަތު ބެލުމަށްފަހު ޕޮއިންޓް ދިނުމަށް (30 ނުވަތަ 40) ކަނޑައަޅާފައި ވާއިރުވެސް، ދިރިއުޅުމުގެ ޙާލަތު ބަލާފައިވާކަން ލިއެކިއުމުން އެނގެން ނެތުން.
2. ދިރިއުޅުމުގެ ޙާލަތަށް ޕޮއިންޓްދީފައިވަނީ ފޯމުހުށައެޅި ފަރާތުން ފޯމުގައި ލިޔެފައިވާ ބަޔާނެއްގެ މައްޗަށް ކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީއިން މަޢުލޫމާތު ދީފައިވީނަމަވެސް، އެއްވެސް ބަޔާނެއް ދީފައިނުވާ ފަރާތްތަކަށްވެސް ޕޮއިންޓް ދީފައި ވުން.
3. ފްލެޓް ކޮމިޓީއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކުރިން ހައުސިންގ މިނިސްޓްރީއިން ހިޔާ މަޝްރޫޢުގެ ފޯމުތައް ދިރާސާކުރެއްވިއިރު، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދެއްވަނީ މިނިސްޓަރުގެ ބިއުރޯ ތެރެއިންކަމަށާއި، އެގޮތުން ހިޔާ ފޯމުތަކުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނާ ހިސާބަށް އަންނަނީ ފޯމު ނަންބަރުތަކެއް ޖަހާފައިވާ ލިސްޓެއް ކަމަށާއި، މި ފޯމުތައް ވަކިން ނަގައިގެން ބިއުރޯއަށް ގެންދަންޖެހޭކަމަށް މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވުން.
4. ބިންވެރިކަން އެއްވެސް ވަރަކަށް ކަށަވަރު ކޮށްފައި ނެތުން. މިގޮތުން މާލެއިން 600 އަކަފޫޓަށް ވުރެ ބޮޑެތި ބިން ނުވަތަ ފުލެޓު ހުރި ފަރާތްތަކަށްވެސް ފްލެޓް ދިނުމަށް ލިސްޓްގައި ހިމެނިފައިވުން. (މިގޮތުން އަމީން އެވެނިއުއިން ފުލެޓު ގަނެފައިވާ ފަރާތްތައްވެސް ހިމެނިފައިވާކަން ކޮމިޓީއަށް ވަނީ ފާހަގަވެފައި)
5. ދަރިންގެ ޢަދަދު ހަމައެކަނި އައި.ޑީ ކާޑަށް ބަލައިގެން ޕޮއިންޓް ދީފައިވުން، ދޮންދަރީންނަކީވެސް ދަރިންގެ ގޮތުގައި ގުނައި ދަރިންގެ ބަޔަށް މަތިން ޕޮއިންޓްލިބިފައިވުން. (މިގޮތުން H8 - މާލެ ރަށްވެހީންގެ ކެޓެގަރީގައި މިމައްސަލަ ކޮމިޓީއަށް ވަނީ ބޮޑަށް ފާހަގަވެފައި).
6. ފޯމު ހުށައެޅި ދުވަހާ ހަމައިން NSPA ގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށްވެސް ނުކުޅެދުންތެރިކަން ހުންނަ ބަޔަށް ޕޮއިންޓްދީފައިވުން.
7. ފޯމު ހުށަހެޅި ދުވަހު ދަފްތަރުގައި ރެޖިސްޓްރީވި ފަރާތްތަކަށްވެސް ދަފްތަރު ކެޓަގަރީއިން ފުލެޓް ލިބޭނެ ކަމުގެ ލިޔުން ދީފައިވުން.
8. ދަފްތަރުގައި އަލަށް ރެޖިސްޓްރީކުރާ ފަރާތްތަށް، ފޯމާއިއެކު ހުށައަޅާ 2 ހެކިވެރިންގެ ބަޔާނެއްގެ މައްޗަށް ބިނާކޮށް މާލޭގައި އުޅުނުމުއްދަތު ގުނައި ޕޮއިޓް ދީފައިވާއިރު، އެތައްއަހަރަކު ދަފްތަރު ރެޖިސްޓްރީގައި ޖެހި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށްވުރެ މަތިން ޕޮއިންޓް ދީފައިވުން.
9. H5 ކެޓެގަރީގައި މާލޭގައި ވަޒީފާ އަދާކުރި މުއްދަތު ނުބަލައި ޕޮއިންޓް ދީފައިވުމުން، މާލޭގައި އެތައް އަހަރަކު ވަޒީފާ އަދާކޮށްފައިވާ ޓީޗަރުންނަށް ވުރެ އަތޮޅުތަކުން އަންނަ ޓީޗަރުންނަށް މަތިން ޕޮއިންޓް ލިބިފައިވުން.
10. H4 އަދި H5 ކެޓެގަރީން ފޯމު ހުށައެޅި ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ނިންމުމުން، 25 ނުވަތަ 30 ޕޮއިންޓް ލިބުމުންވެސް ފްލެޓް ލިބޭއިރު، އެހެން ކެޓެގަރީއިން 60 އާއި 65 ލިބުމުންވެސް ފްލެޓް ލިބިފައި ނުވުން.
ހިޔާ މަޝްރޫއަށް ފޯމު ހުށައަޅާފައިވާ 20781 ފޯމު ވަކި ވަކިން ބަލައި އިވެލުއޭޓްކޮށްފައިވާ ކަމުގައި، ފްލެޓްކޮމިޓީން ވަނީ ވިދާޅުވެފައެވެ. އެކޮމިޓީން 4 ކެޓަގަރީއެއްގެ މަސައްކަތް ނިންމައި ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓްތައް އާއްމުކޮށް ޝަކުވާ ހުށައެޅުމަށް ފުރުޞަތު ހުޅުވާލާފައި ވާއިރު، ފުލެޓްތަކަށް ވަދެ މީހުންނަށް ދިރިއުޅެން ފެށޭވަރު ވާނީ، އަދިވެސް 8 މަސް ދުވަސް ފަހުން ކަމުގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.