ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތެލަސީމިއާ ދެ ޕޭޝަންޓަކު ހިމެނޭ ކަމުގައި، ތެލަސީމިއާ ސެންޓަރުން ވިދާޅުވެއްޖެއެވެ.
ތެލަސީމިއާ ޕޭޝަންޓުން ހިމެނެނީ ކޯވިޑް19ގެ ނުރައްކާ ބޮޑު ކެޓަގަރީގައެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ކޯވިޑް-19 ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ.އަޙުމަދު ޢުމަރު ވިދާޅުވީ މިހާތަނަށް ތެލަސީމިއާ ދެ ޕޭޝަންޓުން ކޯވިޑް19އަށް ޕޮސިޓިވްވެފައި ވާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދީފައި ވާކަމަށެވެ.
މި ދެ ޕޭޝަންޓުންވެސް ބައްޔަށް ޕޮސިޓިވްވެފައި ވާކަން އެނގިފައި ވަނީ، ކޮންޓެކްޓް ޓްރޭސީންގްގެ ތެރެއިން ހެދި ޓެސްޓުންކަމަށް އުމަރު ވިދާޅުވިއެވެ. ތެލަސީމިއާ ޕޭޝަންޓުން ހިމެނެނީ ކޯވިޑް ބަލީގައި ނުރައްކާ ބޮޑު ގްރޫޕްގެތެރޭގައެވެ.
"ޓެސްޓް ހެދީ އަލާމާތް ހުރެގެން ނޫން، ކޮންޓެކްޓް ޓްރޭސިންގްއިން. ޕޮސިޓިވްވެ 14ދުވަހުގެ އައިސޮލޭޝަންގައި، ފަރުވާގެ މަރުޙަލާގައި ހުރިއިރުވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ." ޑރ.އުމަރު ވިދާޅުވިއެވެ.
މި ދެ ޕޭޝަންޓުންވެސް މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ.
އުމަރު ވިދާޅުވީ މާލެ ލޮކްޑައުންގައި އޮތުމުން ތެލަސީމިއާ ޕޭޝަންޓުންނަށް ޚިދުމަތްހޯދުމުގައި ދަތިތަށް ހުރިކަމަށެވެ. ނަމަވެސް އެޕޮއިންޓްމަންޓް އުސޫލުން މިހާރު ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެގޮތް ވަނީ ފަހިކޮށްދީފައެވެ. ޑރ.އުމަރު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ އޮންލައިންކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ ގޮތެއް ޤާއިމުކުރުމަށް ކަމަށެވެ. މިހާރު ކުރިއަށްދަނީ ޓެސްޓުކުރުމުގެ މަސައްކަތް ކަަމަށާއި، ކުރިއަށްއޮތް ދެ ހަފާތާއެއްހައި ދުވަހުގެ ތެރޭގައި އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އުމަރު ވިދާޅުވިއެވެ.
ލޮކްޑައުންއާއި ގުޅިގެން ލޭ އެޅުމުގެ ކަންކަން ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ދަތިކަމަކާއި ކުރިމަތިވީ ލޭ އަޅަން މާލެ އަންނަޖެހޭ މާލެ ކައިރީގެ ރަށްތަކުގެ ޕޭޝަންޓުންނަށެވެ. އުމަރު ވިދާޅުވީ މިކަމަށް ޙައްލެއް ގެނައުމަށް މާލެ ކައިރި ދެ ރަށެއްގައި މިހާރު ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.
"މާފުށީ، ހުރާ، ތުލުސްދޫ ހިންމަފުށީން ކުދިން ލޭއަޅަން އަންނަނީ މާލެ. މިހާރު މާލެ ނާދެވޭތީވަނީ މާފުށީގައި މާފުށީ ކުދިންނަށް ލޭއެޅޭގޮތް އަދި ތުލުސްދޫގައި ދުލުސްދުއާއި ހުރައާއު ހިންމަފުށީގެ ކުދިންނަށް ލޭ އެޅޭނެ ގޮތް ހަމަޖައްސާފަ." ޑރ.އުމަރު ވިދާޅުވިއެވެ.
ފުރަތަމަ ލޮކްޑައުންއަށް ދިޔަ ދުވަސްވަރު ތެލަސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ބޭސް ލިބުން ދަތިވިނަމަވެސް މިހާރު ރާއްޖެއަށް ބޭނުންވާވަރަށް ބޭސް އެބަހުރިކަމަށް ޑޮކްޓަރ އުމަރު ވިދާޅުވިއެވެ.
ތެލަސީމިއާ ކުދިންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ލޭ ލިބުމުގައި ހުރި ދަތިތަކެވެ. ތެލެސީމިއާ ސެންޓަރުންނާއި ޕޭޝަންޓުންދަނީ ދަރުމައަށް އެދިގެން ލޭ ހަދިޔާކޮށްދިނުމަށް އާއްމުންގެ ކިބައިން އެދެމުންނެވެ.
މާލޭގައި އެކަނިވެސް 300އަށްވުރެ ގިނަ ތެލަސީމިއާ ޕޭޝާންޓުން އުޅެމުންދެއެވެ. ތެލަސީމިއާ ކުދިންގެ އާބާދީ ރާއްޖޭގައި 600އަށް އަރައެވެ.