ޚަބަރު

ޓޫރިޒަމް މިނިސްޓަރ މައުސޫމަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި


ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމަށް ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން ފާސްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ.މައުސޫމް އައްޔަންކުރައްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

މިނިސްޓަރ ޑރ.މައުސޫމަށް ރުހުންދޭން ފެންނަކަމަށް ސަރުކާރުގެ މަސްޢުލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން ނިންމެވީ ބައްދަލުވުމުގައި ބައިވެތިވެވޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ކޮމިޓީގެ ރިޕޯޓް ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އަދި މަޖިލީހުހެ ޖަލްސާގައި މިނިސްޓަރަށް ރުހުން އޮތްތޯ ބަލަން ވޯޓަށް އަހާނެއެވެ. ބެލެވޭ ގޮތުން އަންނަ ހޯމަދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާކުރާނެއެވެ.

ޓޫރިޒަމް މިނިސްޓަރުކަމަށް ޑރ.މަޢުސޫމް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަޤާމުގައެވެ. ޑރ.ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް ޑރ.މައުސޫމް ވަނީ ކުރީ ސަރުކާރުތަކުގައިވެސް އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޓްއަރިޒަމް އާއި ގުޅުން ހުރި ދާއިރާތަކުން ޑރ މައުސޫމް ފުރުއްވާފައިވާ އެހެން މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައްވަނީ ފުރުއްވާފައެވެ. މީގެއިތުރުން ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ދުވަސްވަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ޑރ މައުސޫމް ވަނީ ފުރުއްވާފައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ޑަރ މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމް އިން އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. ޓްއަރިޒަމް ޑިވޮލޮޕްމެންޓް ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމުން ޑރ މައުސޫމަށް ވަނީ މިދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސެއްގެ ޝަރަފު ހޯއްދަވާފައެވެ. ޕިއެޗްޑީއަށް ޑރ މައުސޫމް ތީސިސް ލިޔުއްވީ " އެންކެލޭވް މައިކްރޯ އައިލެންޑް ޓުއަރިޒަމް" އިންނެވެ.
ޕީއެޗްޑީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ

ޓުރިޒަމް މިނިސްޓަރު ކަމުގެ މަޤާމަށް ޑރ.މައުސޫމް އައްޔަންކުރައްވާފައިވަނީ އެމަޤާމުގައި ކުރިން ހުންނެވި ޢަލީ ވަޙީދާމެދު ތުހުމަތު ކުރެވުނު މައްސަލަތަކަކާއި ގުޅިގެން މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވުމުން، މިިދިޔަ މަހުގެ 9 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ އެމަގާމުން ޢަލީ ވަޙީދު ވަކިކުރެއްވުމަށް ފަހުގައެވެ.