ޚަބަރު

އީރާނުގެ 6 ބިލިޔަން ޑޮލަރުގެ ހަރުމުދާ އަނބުރާ ދެނީ


އީރާނާއި އެމެރިކާއާ ދެމެދު ޤާއިމުކުރި އިބްތިދާޢީ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޤަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން އެމެރިކާ ޑޮލަރުގެ ހަރުމުދާ އަނބުރާ އީރާނާ ޙަވާލުކުރާނެކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އާ ޙަވާލާދީ، ތުރުކީވިލާތުގެ އަނަދޫލޫ ނޫހުން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޕީޒިޝްކިޔާން ސޮއިކުރެއްވި އިބުތިދާއީ އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވަނީ އެއްބަސްވެފައެވެ.

އީރާނާއި އެމެރިކާއިން އެއްބަސްވުމެއްގައި ސޮއިކޮށް، ސީދާ މަޝްވަރާތައް ކުރުމަށް ދެ ޤައުމުގެ އިސް މަންދޫބުން މިހާރު ވަނީ ސްވިޓްޒަލޭންޑަށް ވަޑައިގެންފައެވެ.

އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން އުޅޭކަމުގެ ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމުގެ ޔަޤީންކަން ޕީޒިޝްކިޔާން ދެއްވިއެވެ.

ނަމަވެސް، ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ނިއުކްލިޔަރ ޕްރޮގްރާމުގެ ދަށުން، ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް އީރާނުން ހުއްޓައިނުލާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްވިޓްޒަލެންޑުގައި ކުރިއަށްދާ މަޝްވަރާގައި އީރާން ތަމްސީލުކުރައްވަނީ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސްއާއެކު މި މަޝްވަރާތަކުގައި ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ ބައިވެރިވެވަޑައިގަންނަވައެވެ.

އިބްތިދާޢީ ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން އަދިވެސް ދަނީ ލުބްނާނަށް ނިރުބަވެރި ޙަމަލާތައް އަމާޒުކުރަމުންނެވެ.

އެކަމާ ގުޅިގެން، މަޝްވަރާތައް ފެށުމުގެ ކުރިއަށް އީރާނުން ވަނީ އަލުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.