ޚަބަރު

ތިނަދޫގައި ދޫނުކޮށްހުރި 15 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި


ގދ.ތިނަދޫގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތަކުގެތެރެއިން ދޫނުކޮށްހުރި 15 ޔުނިޓަށް ކުރިމަތިލުމަށް ތިނަދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ދޫނުކޮށްހުރި 15ހައުސިންގ ޔުނިޓަކީ، ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެދަށުން އެރަށުގައި އެޅި 120 ހައުސިންގ ޔުނިޓްގެތެރޭގައި ހިމެނޭ 15 ހައުސިންގ ޔުނިޓެވެ.

މިޔުނިޓްތައް ކުއްޔަށް ދޫކުރުމަށް ފޯމް ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 18އިން ފެށިގެން، ސެޕްޓެމްބަރު ދިހައަކާއި ހަމައަށެވެ. ފޯމް ހުށައަޅަންޖެހޭނީ ގދ.ތިނަދޫ ކައުންސިލް އިދާރާއަށެވެ. ފޯމުހުށައެޅުމާއި ގުޅޭ މަޢުލޫމާތާއި އަދި ފްލެޓަށް ކުރިމަތިލުމުގެ އުސޫލު ތިނަދޫ ކައުންސިލުންވަނީ ގެޒެޓްކޮށްފައެވެ.

މި 15 ފްލެޓަކީ ކެޓަގަރީ-އޭ ގެ ދަށުން ހަމައެކަނި ތިނަދޫ ރަށްވެހިންނަށް ޚާއްސަކޮށްފައިވާ ފްލެޓެވެ. ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާގޮތަށް ދޫކުރާ ފްލެޓްތަކަށް އެޑްވާންސްގެ ގޮތުގައި 19،000ރުފިޔާ ދައްކަންޖެހެއެވެ. އަދި 25 އަހަރުން ފައިސާ ދައްކާ ޚަލާސްކުރާ ފްލެޓްތަކަށް މަހަކު 3،550 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ފޯމުހުށައަޅާ ފަރާތްތަކުގެ ޝަރުތުތަކުގެތެރޭގައި ތިނަދޫ ރައްވެއްސަކަމަށް ވުމާއި، ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާގެ ނަމުގައި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުންހިމެނެއެވެ. ގޯތި ރަޖިސްޓްރީއާއި ގުޅިގެން އަންނަ ކަންކަން ގެޒެޓްގައި ޢާއްމުކޮށްފައިވާ އުސޫލުގައިވަނީ ތަފްސީލްކޮށްދީފައެވެ.

ޕްލެޓްތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ފްލެޓް ދޫކުރުމުގައި އިސްކަންދޭނެ ފަރާތްކާއި ޕޮއިންޓްދޭ އުސޫލުވެސްވަނީ ހިމަނާފައެވެ.
މި ފްލެޓްތަކަށް ދެމަފިރިންނަށް ވަކިވަކިންވެސް ފޯމް ހުށައެޅޭނެއެވެ. ނަމަވެސް ފްލެޓަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރާނީ އެންމެ ފްލެޓެކެވެ. ފޯމް ހުށައަޅާ ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ވަޒަންކުރުމުގެ މަސައްކަތްކުރާނީ ތިނަދޫ ކައުންސިލުންނެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވީ މަޢުލޫމާތު ފުރިހަމަ ނުކުރާ ފޯމްތަކާއި، ލިޔެކިޔުން ހަމަނުކުރާ ފޯމްތައް ބަލައިނުގަންނާނެކަމަށެވެ. މި ފްލެޓްތަކަށް ކުރިމަތިލެވޭނީ 1 ސެޕްޓެމްބަރު 2020ވަނަ ދުވަހުގެ ނިޔަލަށް ގދ.ތިނަދޫ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ތިނަދޫ ރައްޔިތުންނަށެވެ.