ޚަބަރު

އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭގޮތަށް އިޞްލާހެއް ހުށައަޅައިފި


އެއްގަމު އުޅަނދުފަހަރު ތާރޑް ޕާޓީ އިންޝުއުރަންސް ކުރަން ނުޖެހޭގޮތަށް އެއްގަމު ދަތުރުގަތުގެ ޤާނޫނަށް އިޞްލާހެއް ހުށައަޅުއްވައިފިއެވެ.

މި އިޞްލާޙު ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު މިހާރު ބުނާގޮތުން ދިވެހިރާއްޖޭގައި އެއްގަމު އުޅަނދެއް ދުއްވަން ވާނީ އެއުޅަނދެއް އެކްސިޑެންޓްވެގެން ގެއްލުންލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ތާރޑްޕާޓީ އިންޝިއުރަންސް ކުރުމަށްފަހުގައެވެ. މެންބަރު ނަޝީދު ހުށައަޅުއްވާފައި ވަނީ ޤާނޫނުގައި ބުނާ އެމާއްދާ އުނިކުރުމަށެވެ.

މި އިޞްލާޙު ހުށައެޅުއްވި ސަބަބެއްކަމުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ހިންގަން ފެށިތާ 12 އަހަރު ފުރޭއިރު ޤާނޫނާ އެއްގޮތަށް އެއްގަމު ޢާންމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އެއްގަމު އުޅަނގުތައް އިންޝުއަރެންސް ކުރެވެމުން ދިޔަނަމަވެސް ހިނގާފައިވާ އެކްސިޑެންޓްތަކަށް އިންޝުއަރެންސް ލިބެމުން ނުދާތީ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އަތުން އަހަރަކު އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކަށް ނަގަމުން ދިއުމާއި މިކަމުގެ ސަބަބުން ދިވެހި ސަރުކާރަށްވެސް އަދި ދިވެހި ރައްޔިތަކަށްވެސް އެއްވެސް މަންފާއެއް ލިބެމުންނުދާ ކަމެއް ޤާނޫނަކުން ރައްޔިތުންގެ މައްޗަށް ލާޒިމުކުރެވިފައި އޮތުމަކީ ބަލައިގަންނަން ދަތިކަމެއްކަމަށްވެސް އިޞްލާހު ހުށައެޅުމުގެ މަޤްޞަދުގައި ވިދާޅުވެފައިވެއެވެ.

މެންބަރު ނަޝީދު ވަނީ މިޤާނޫނަށް އެހެން އިޞްލާހެއްވެސް ހުށައަޅައިފައެވެ. އެއީ އުޅަނދެއް ގަރާޖެއްގައި ރަޖިސްޓްރީކުރުން ލާޒިމު ނުވާގޮތަށް ހުށައެޅި އިޞްލާހެކެވެ. މިއިޞްލާހުގައި ވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް ނުވަތަ ބިމެއްގައި އެއުޅަނދެއް ބޭއްވުން ލާޒިމް ވެގެންނުވާކަމަށެވެ.

މި އިޞްލާހުތަކުގެ ފުރަތަމަ ކިއުން ވަނީ މިއަދުގެ ޖަލްސާއަށް އިއްވާފައެވެ.