ޚަބަރު

އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި ކޮމިޓީން ބައްދަލުކުރުން ހޯމަދުވަހު


ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކާއި ގުޅިގެން ކުރި އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އަންނަ ހަފްތާގެ ހޯމަ ދުވަހު ބައްދަލުކުރަން ހަމަޖެހިއްޖެއެވެ.

އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން ރިޕޯޓްތައް ދިރާސާކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ކޮމިޓީން ކުރިއަށްގެންދާ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބޭފުޅުން އަންނަ ހަފްތާގެ ހޯމަ ދުވަހު ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.

ހެލްތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އިއްޔެ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ކޮމިޓީން ބައްދަލުކޮށްފައެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކާ ގުޅޭ މުޢާމަލާތުގައި ފިނޭންސް މިނިސްޓްރީގެ އިހްމާލެއް އޮތްކަމަށް ފާހަގަ ކުރެވިފައިނުވާކަމަށާއި އަދި ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ބަދަލުކުރި ލިޔުންތަކުގައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓްރީން އަންގަވާފައިވާކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތުވަނީ އިއްޔެގެ ކޮމިޓީގައި ވިދާޅުވެފައެވެ.

އަދި މައްސަލަ ބޮޑުވެފައިވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން އަމިއްލަ މީހެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރަން އުޅުނުކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރައްވާފައިވަނީ ދުބާއީގެ ކުންފުންޏަށް ގެރެންޓީއަކާނުލައި އެޑްވާންސް ފައިސާ ދޫކުރި މައްސަލައެވެ. ދުބާއީގެ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް"އިން 75 ވެންޓިލޭޓަރު ގެނައުމަށް ރާއްޖެއިން އޯޑަރުކުރިއެވެ. އަދި ވެންޓިލޭޓަރުގެ އަގުގެ %90އަށްވާ 30މިލިއަން ރުފިޔާ ވަނީ ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ޖަމާކޮށްފައެވެ.