ވިޔަފާރި

އީ-މަނީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އެމްއެމްއޭއާ މައުލޫމާތު ހިއްސާކުރަން އެދިއްޖެ


އިލެކްޓްރޯނިކް ފައިސާގެ ތަފާތު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެއެވެ.

އެމްއެމްއޭއިން ބުނީ މިއީ ދިވެހިރާއްޖެގެ ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށިގެންވާ ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތުގެ ދަށުން ކުރާ ކަމެއްކަމަށެވެ. މިގޮތުން ރާއްޖޭގައި އިލެކްޓްރޯނިކް، ނުވަތަ އީ-މަނީ އިޝޫކުރާ ފަރާތްތަކާއި، އީ-މަނީ އެކައުންޓްތައް މެދުވެރިކޮށް ޕޭމަންޓްތައް އަދާކުރެވޭނެ ޚިދުމަތްތައް ދޭ ފަރާތްތަކާއި ޕޭމަންޓް މުޢާމަލާތްތަކާ ގުޅުންހުރި ޚިދުމަތްތައް ދޭ ފަރާތްތަކުން އެމްއެމްއޭއަށް އެފަރާތްތަކުން ދޭ ހިދުމަތުގެ ތަފްސީލް ހިއްސާކުރުމަށް އެމްއެމްއޭއިން އެދިފައިވެއެވެ. އަދި މިނޫންވެސް ފައިސާ ޓްރާންސްފަރކުރުމާއި ގުޅުންހުރި ނުވަތަ ޕޭމަންޓް އެކައުންޓްތަކާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އެމްއެމްއޭއަށް ހިއްސާކޮށްދިނުމަށްވެސް އެމްއެމްއޭއިން ވަނީ އެދިފައެވެ.

އެމްއެމްއޭއިން ބުނީ މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކުން 25 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އީ-މެއިލްގެ ޒަރިއްޔާއިން ([email protected]) އެއޮތޯރިޓީއަށް އެންގުމަށެވެ. މެއިލް ކުރާއިރު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރީގެ ނަމާއި، އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ފަރާތެއްގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ހިއްސާކުރުމަށް އެމްއެމްއޭއިން އެދެއެވެ.

އެމްއެމްއޭއިން ބުނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ އެކި ބާވަތްތަކުގެ ޕޭމަންޓް ޚިދުމަތްތައް ދިނުމަށް ބޭނުންވާ އަދި އެފަދަ ޚިދުމަތްތައް ދޭ ފަރާތްތަކާއި ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބޭނުންވާ ޤާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އިލެކްޓްރޯނިކް ފައިސާގެ ޚިދުމަތްތަކުގެ ތެރެއިން އެމްއެމްއޭއިން މިވަގުތު ރެގިއުލޭޓްކުރަމުން ދަނީ މޮބައިލް ޕޭމަންޓް ޚިދުމަތާއި، ކާޑް އިޝޫކުރުމާއި، ޕޭމަންޓް ދެއްކުމަށް ބޭނުންކުރާ ވަސީލަތްތައް އިޝޫކުރުމާއި ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ޚިދުމަތްތަކެވެ. ނަމަވެސް، މި ނޫންވެސް އެކި އެކި ބާވަތްތަކުގެ ޕޭމަންޓް ޚިދުމަތްތައް އެކި ފަރާތްތަކުން ފޯރުކޮށްދެމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ. އަދި ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި، ރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ މަޢުލޫމާތު ދެނެގަތުމުގައި މިފަދަ ޙިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުގެ އެހީތެރިކަން އޮތޯރިޓީއަށް ބޭނުންވާކަމަށް އެމްއެމްއޭއިން ބުނެއެވެ.