ސަފާރީ ބޯޓުތަކުގެ ކުރޫންނާއި ފަތުރުވެރިން މީހުންއުޅޭ ރަށްރަށަށް ނޭރުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.
ބޯޓިން އެސޯސިއޭޝަނުން މިގޮތައް އަންގާފައިވަނީ ބައެއް ސަފާރީތަކުން މި އުސޫލާއި އެއްގޮތައް އަމަލު ނުކުރާކަމަށްބުނެ ބައެއް ރަށްރަށުން އެ އެސޯސިއޭޝަނަށް ޝަކުވާ ލިބެމުންއަންނާތީއެވެ.
ބޯޓިން އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށިފައިވަނީ ވަރަށް ގިނަބައެއްގެ ބުރަ މަސައްކަތުންކަމަށެވެ. އެހެންކަމުން މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސިނާއަތް ބަދުނާމުވެ ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ ސަފާރީއަކާއި ކުރޫއެއްގެ ފަހަތުގައި ފާރަވެރިއެއް ނުބެހެއްޓޭނެކަން ފާހަގަކުރައްވައި އެ އެސޯސިއޭޝަނުން ބުނީ މިކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި ފަރުދީ ޒިންމާ މުހިއްމުކަމަށެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު ސަފާރީތަކަށްވެސް ވަނީ ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ. ހުއްދަ ދެނީ ވަކި ޙާއްސަ ޝަރުތުތަކެއް ފުރުހަމަކުރާ ސަފާރީތަކަށެވެ. އެގޮތުން ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް 55 ސަފާރީއަކަށް ވަނީ ދީފައެވެ. މީގެއިތުރުން ސަފާރީ އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރުމަށްފަހު، ފުރާ ފަތުރުވެރިންގެ ޕީ.ސީ.އާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.