ކުޅިވަރު

ޗެމްޕިއަންސް ލީގު: ފަސޭހަކަމާއެކު ޗެލްސީގެ ބަލިކޮށް ބަޔާން ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޗެލްސީގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ. އަދި ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ބަޔާންއިން ކާމިޔާބުކުރީ 0-3 އިންނެވެ. އެހެންކަމުން ބަޔާން ކުއާޓާއިން ޖާގަ ހޯދީ 1-7 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން ދިހަ ވަނަ މިނެޓުގައި ރޮބަޓް ލޮވޮންޑޮސްކީ ވަނީ ބަޔާންއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި ސައުވީސް ވަނަ މިނެޓުގައި ބަޔާންގެ ދެ ވަނަ ލަނޑު ލެވޮންޑޮސްކީގެ އެހީތެރިކަމާއެކު ބަޔާންއަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމްއެވެ.

އަނިޔާގެ ސަބަބުން ޗެލްސީގެ މުހިއްމު ގިނަ ކުޅުންތެރިންނާއި ނުލާއި ކުޅުނު މި މެޗުގެ ދެވަނަ ހާފްގައި ބަޔާންއިން ވަނީ އިތުރު ލަނޑު ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. އެގޮތުން ހަތްދިހަ ހަވަނަ މިނެޓުގައި ކޮރެންޓިން ޓޮލިސޯ ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ބަޔާންއިން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮބަޓް ލޮވޮންޑޮސްކީއެވެ.

މި ނަތީޖާއައެކު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ނުކުންނަން ޖެހޭނީ ބާސެލޯނާއާއި ދެކޮޅަށެވެ. ބާސެލޯނާ ކުއާޓާ ފައިނަލުން ފުރުޞަތު ހޯދީ ރޭ 2-4 ގެ އެގްރިގޭޓް ނަތީޖާއަކުން ނަޕޯލީ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް އަންނަ ބުދަ ދުވަހުގެރޭ ފެށުމަށް ވަނީ ނިންމާފައެވެ. ކުއާޓާއިން ފެށިގެން އެއް ލެގު ކުޅުމަށް ނިންމާފައިވާއިރު، މެޗުތައް ކުރިއަށްދާނީ ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައެވެ.