ވިޔަފާރި

ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް ދަނީ މަސައްކަތްކުރަމުން- ފިޝަރީޒް މިނިސްޓްރީ


ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ބޮޑުވުމުގެ ސަބަބުން ކުންފުނިތަކަށް އޭގެ ސަބަބުން ލިބެންޖެހޭ ފުރިހަމަ މަންފާ ލިބެމުންނުދާކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ، ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން 24 އިންސައްތަ ޑިއުޓީއެއް މިހާރު ނަގަމުން އަންނަކަމަށެވެ. މިއީ ބޮޑު އަދަދެއްކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މި އަދަދު އެއްކޮށް ކަނޑާނުލެވުނު ނަމަވެސް ޑިއުޓީ ރޭޓް ދަށްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަން ހަސަން ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

"ކަންނެލީގެ މަސްވެރިކަމުގައިވެސް މިނިސްޓްރީން މިހާރު މަސައްކަތްކުރަމުންދަނީ އެބޭފުޅުންނަށް ދިމާވާ ދަތިކަންތަކުގައި އެހީތެރިވެގެން ކޮންމެވެސްކަހަލަ ގޮތްތަކެއް ހޯދޭތޯ. އެބޭފުޅުންނަށް މިހާރު އެންމެ ދަތިވާ ކަމަކީ ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގައި %24 ޑިއުޓީއެއް ނެގުން. އެއީ ވަރަށްބޮޑު އެއްޗެއް. މީގެ ސަބަބުން ކަންނެލި މަސްވެރިކަމަށްވެސް ކުންފުނިތަކަށްވެސް ދަތިތަކެއް ދިމާވޭ. އޭގެ ސަބަބުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް ލިބެންޖެހޭ ރަނގަޅު އަގުގައި މައްސަލައެބަދިމާވޭ." ހަސަން ރަޝީދު ވިދާޅުވިއެވެ.

ހަސަން ރަޝީދު ވިދާޅުވީ، ކައިރި ޤައުމުތަކާއި އަޅާބަލާއިރު ފްރައިޓް އަދި ހޭންޑްލިން ފީތައްވެސް ރާއްޖެއަށް ބޮޑުކަމަށެވެ. އެގޮތުން ޔޫރަޕަށް އެކްސްޕޯޓްކުރާ ކޮންމެ ކިލޯއަކަށް 2 ޑޮލަރު ނުވަތަ 3 ޑޮލަރުގެ ފްރައިޓް ޗާޖެއް ނަގާކަމަށާއި، އެމެރިކާއަށްނަމަ 3 ޑޮލަރާއި 4 ޑޮލަރާއި ދޭތެރޭގެ ފްރައިޓް ޗާޖެއް ނަގާކަމަށް އޭނާ ވިދާޅުވިއެވެ.

އެއަރޕޯޓްގެ ހޭންޑްލިން ޗާޖުގެ ގޮތުގައިވެސް ގާތްގަނޑަކަށް 2.45 ޑޮލަރު ކިލޯއަކަށް ނަގައެވެ. އެހެންކަމުން ޖުމްލަ ފްރައިޓް އަދި ހޭންޑްލިން ފީ އާއެކު ކިލޯއަކަށް ބަލާއިރު 4.75 ޑޮލަރު ނަގާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކައިރި ޤައުމުތަކާއި އަޅާބަލާއިރު ބޮޑު އަދަދަކަށް ވުމުގެ ސަބަބުން އެ ޤައުމުތަކާއި ވާދަކުރުމަށްވެސް ރާއްޖެއަށް ދަތިތަކެއް ދިމާވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެންސިސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ވަސީމް ވިދާޅުވީ، ޔޫރަޕުން ނަގާ ޑިއުޓީ ބޮޑުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ނަފާ މަސްވެރިކަމުގައި ލިބެމުންނުދާކަމަށެވެ. އެހެންކަމުން ޑިއުޓީ ކުޑަކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓްކުރެވޭނެ މަގު ފަހިކުރުމަކީވެސް މުހިންމުކަމެއްކަމަށެވެ.

"ޔޫރަޕްގެ ޑިއުޓީ އެއީ ރާއްޖެއަށް ވަރަށް މުހިންމު އެއްޗެއް. ރާއްޖެއިން ޑިއުޓީ ނަގާއިރު އަވަށްޓެރި އެހެން ޤައުމުތަކުން ޔޫރަޕުން ޑިއުޓީއެއް ނުއެއްނަގާ. މިވަގުތު ޔޫރަޕަށް މަސް ވިއްކުން މިއޮތީ ވަރަށް އުނދަގޫވެފައި. ހަޤީގަތަށް ދަންނަވަންޏާ ލިބޭ އަގެއް ނެތް މިހާރަކު. ރާއްޖޭގެ މަސްވެރިންނަށް މަހަށް ކިރިޔާވެސް ރަނގަޅު އަގެއް ފޯރުކޮށްދެވޭނީ އަދި ރާއްޖޭގައި ޕްރޮސެސްކޮށް އެކްސްޕޯޓްކުރާ މީހުންނަށްވެސް ފައިދާއެއް ލިބިގެންދާނީ ޔޫރަޕަށް މިނަގާ ޑިއުޓީ ކުޑަކުރެވިގެން ނުވަތަ އުނިކުރެވިގެން. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށްނެތް މިކަން ކުރެވޭކަށްނެތް." މުޙައްމަދު ވަސީމް ވިދާޅުވިއެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ގާތްގަނޑަކަށް 95 އިންސައްތަ މަސް އެކްސްޕޯޓްކުރަނީ ޔޫރަޕަށެވެ.

ނަމަވެސް އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމަކުގެ ލިސްޓަށް ރާއްޖެ އަރާފައިވާތީ، ރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުން އައި ޑިއުޓީގެ ޢިނާޔަތް ވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ކަނޑާލާފައެވެ. އޭގެ ސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންއައި މަންފާ ވަރަށްބޮޑަށް ދަށްވެފައިވެއެވެ. އެހެންކަމުން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަވެއްޖެނަމަ މީގެ ފައިދާ މަސްވެރިންނަށްށާއި މަސް ކުންފުނިތަކަށް ލިބިގެންދާނެއެވެ. އެގޮތުން ސަރުކާރުން ދަނީ އެކަމާ ގުޅޭ ގިނަ މަޝްވަރާތަކެއް މިހާރު ކުރަމުންނެވެ. އަދި އެމަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިިބިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެކަމަށްޓަކައި ރާއްޖެއިން ކުރަންޖެހޭކަމަށް އީޔޫއިން ޝަރުތުކުރާ ގިނަ ކަންތައްތަކެއް ރާއްޖެއިން މިހާރު ފުރިހަމަކޮށްފައިވާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.