އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެބުރުވަރީ 28 ގައި ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، ޔަހޫދީ ދައުލަތަށް އަމާޒުކޮށް އީރާނުން ދޭ ސައިބަރ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ޖަރުމަނުވިލާތުގެ ނޫހެއް ކަމުގައިވާ "ދީ ވެލްޓް" އަށް މި ކަން ކަށަވަރު ކޮށްދީފައި ވަނީ ޔަހޫދީ ދައުލަތުގެ ނޭޝަނަލް ސައިބަރ ޑައިރެކްޓަރޭޓްގެ ޑިރެކްޓަރ ޖެނެރަލް ޔޮސީ ކަރާދީއެވެ. އޭނާ ބުނީ، 2025 ވަނަ އަހަރުގެ ޖޫން މަހު ޔަހޫދީ ދައުލަތާ ދެކޮޅަށް އީރާނުން ދިން ހަމަލާތަކުގެ ތެރޭގައި 1،600 ސައިބަރ ހަމަލާ ރެކޯޑުކުރެވުނު ކަމުގައެވެ. އަދި، 2026 ވަނަ އަހަރުގެ ޖޫން މަހު އެ އަދަދު 4،800 އަށް އިތުރުވެފައިވާ ކަމުގައެވެ.
ކަރާދީ ބުނީ، އީރާނުގެ ބައެއް ގުރޫޕުތަކަކީ ވަރަށް ހުނަރުވެރި ބައެއް ކަމުގައެވެ. އެ މީހުންނާ ކުރިމަތިލައި ހަމަލާތައް ހުއްޓުވުމުގެ ޤާބިލުކަން ޔަހޫދީންގެ އިދާރާތަކަށް ލިބިފައިވީ ނަމަވެސް، މިއީ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. އަދި، ޢާންމު ހަނގުރާމަތަކާ ޚިލާފަށް، ސައިބަރ ހަމަލާތައް ހުއްޓުވުމަކީ ވަރަށް ދަތި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. އީރާންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޔަހޫދީންގެ މުހިންމު ބިނާރުތަކަށާއި، އުމްރާނީ ވަސީލަތްތަކަށާއި މައި އިދާރާތަކަށެވެ. އަދި ޢާންމުން ބޭނުންކުރާ ނިޒާމުތަކަށް ވެސް ހަމަލާދީފައިވެއެވެ. މީގެ ތެރޭގައި ޤާނޫނީ ޚިދުމަތްދޭ ކުންފުނިތަކާއި، އެކައުންޓިންގ ޚިދުމަތްދޭ ކުންފުނިތައް ފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ހިމެނެއެވެ.
ކަރާދީ ބުނީ، ޔަހޫދީ ދައުލަތުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ދީފައިވާ ގިނަ ހަމަލާތައް ނާކާމިޔާބު ކޮށްލާފައިވާނެ ކަމުގައެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތުގައި ދެމިއޮންނާނެ ކަމަށް އުންމީދުކުރާ ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް، ސަލާމަތީ ފިޔަވަޅުތައް ދޯދިޔާ ކުންފުނިތަކުގެ ކޮމްޕިޔުޓަރ ނިޒާމުތަކަށް ހެކަރުން ވަދެ، އެ ނިޒާމުތަކުގައި ހުރި މަޢުލޫމާތުތައް އެއްކޮށް ފުހެލާފައިވާ ކަން އޭނާ ހާމަކުރިއެވެ. މި ފަދަ ހަމަލާތައް އަމާޒުވި ކުންފުނިތަކަކީ ކޮބައިކަން ޔަހޫދީ ސަރުކާރަށް އެނގުނު ނަމަވެސް، އެއްވެސް ކުންފުންޏެއްގެ ނަން އޭނާ ހާމައެއް ނުކުރިއެވެ.
ޔަހޫދީންގެ ފަރާތުން މިފަދަ ތުހުމަތުތަކެއް ކުރަމުންދިޔަ ނަމަވެސް، އެހެން ޤައުމުތަކަށް ސައިބަރ ހަމަލާ ދޭކަމަށް ކުރެވޭ ތުހުމަތުތަކަށް އީރާނުން ޢާންމުގޮތެއްގައި އިންކާރުކުރެއެވެ. އޭގެ ބަދަލުގައި، އީރާނުން ޢާންމުކޮށް ރިޕޯޓުކުރަމުން ގެންދަނީ އެ ޤައުމުގެ ނިޒާމުތަކަށް އަމާޒުކޮށް ދޭ ސައިބަރ ހަމަލާތަކުގެ މަޢޫލޫމާތު އެކަންޏެވެ. ޖޫން 17 ގައި ސޮއިކުރި އިބުތިދާއީ އެއްބަސްވުމެއްގެ ދަށުން އެމެރިކާއާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން މެދުކަޑައިލާފައި އޮތް ނަމަވެސް، ފާއިތުވި ހަަތަރު ދުވަހުގެ ތެރޭގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ. ޖޫން 29 ވަނަ ދުވަހު ދެ ފަރާތުން ވެސް ވަނީ ހަމަލާތައް މެދުކަނޑައިލުމަށް އަލުން ނިންމައި، ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައެވެ.