ކުޅިވަރު

ޗެމްޕިއަންސް ލީގު: މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަޓުވާލުމަށްފަހު މެންޗެސްޓާ ސިޓީ ކުއާޓާއަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު މެންޗެސްޓާ ސިޓީން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގައި ރޭ މެންޗެސްޓާ ސިޓީގެ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑްގެ މައްޗަށް 1-2 އިން ކުރި ހޯދައި ކުއާޓާ ފައިނަލަށް ސިޓީ ދަތުރުކުރީ 2-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި ދެޓީމު ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު މެންޗެސްޓާ ސިޓީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ޗެމްޕިއަންސް ލީގު އަދި މިހާތަނަށް ކާމިޔާބުކުރެވިފައިނުވާ ސިޓީން ރޭގެ މެޗުގައި ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ރެއާލް މެޑްރިޑްގެ ޑިފެންޑަރ ވެރާންއަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައިގެންނެވެ. އަދި އަނިޔާގެ ސަބަބުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އިނީ ބެންޗުގައެވެ.

މެޗު ފަށައިގެން ސިޓީން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނުވަ ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ރަހީމް ސްޓާލިންއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްއިން ވަނީ ލަނޑެއް ޖަހާ އުއްމީދު އައުކޮށްފައެވެ. މި ލަނޑު ރެއާލްއަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެންޒެމާއެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ރެއާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައެވެ. ނަމަވެސް ވެރާންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ ފަސްދޮޅަށް އަށްވަނަ މިނެޓުގައި ގެބްރިއަލް ޖެސޫސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-2 އަކަށް ބަދަލުކޮށްލާފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ ނުކުންނާނީ އެގްރިގޭޓް ނަތީޖާ އިން ޔުވެންޓަސް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި ލިޔޯން އާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ.